އެންމެ ފަހުގެ މ. އަތޮޅު ޗެމްޕިއަން މުލައް ބަލިކޮށް ފަސްވަނަ ތައްޓާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ މ. އަތޮޅުގެ ތަށި ދިއްގަރުން ގެންގޮސްފިއެވެ.
ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 5-4 އިން މުލަކު ބަލިކޮށް ދިއްގަރުން އަތޮޅު ތަށި އުފުލާލިއިރު، މެޗުގައި ފުރަތަމަ ލީޑު ނެގީ މުލަކުން އާދަމް ޝަހީމް (އާނާ) ޖެހި ގޯލުންނެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ދިއްގަރުގެ މުހައްމަދު އަލީ ވަނީ ދުރު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ.
ޖެހިޖެހިގެން ދެ ވަނަ އަހަރަކު، މ. އަތޮޅުގެ ފައިނަލް ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނުއިރު، ހުސްވި އަހަރު މުލަކުން މި ތަށި ނެގީ ޕެނަލްޓީގައި ނާލާފުށި ބަލިކޮށްގެންނެވެ.
މިރޭ ދިއްގަރަށް މި މެޗުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، ހުސެއިން ފާރިޝް، އަލީ މާޖިދު، މުހައްމަދު ސާގިބު އަދި ނޫހު މައްސޫދު އެވެ. މުލަކު ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އާނާ، އަހުމަދު ތޮލާލް އަދި އަހުމަދު އިބްރާހިމް އެވެ.
ދިއްގަރު ކީޕަރު، ރަހުމަތުﷲ ވަނީ ދެ ޕެނަލްޓީއެއް ހުއްޓުވައިފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދިއްގަރުގެ އިބްރާހިމް ރިއްފަތު އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ މުލަކުގެ ސުޖުއާން ހުސެއިން އެވެ.
ރޭ ކުޅުނު އަނެއް ފައިނަލުގައި ފ. އަތޮޅުގެ ތަށި ދަރަނބޫދޫއިން ވަނީ ހޯދާފައެވެ. އެއީ 2-1 އިން މަގޫދޫ ބަލިކޮށްގެންނެވެ. މިއީ ދަރަނބޫދޫ އަށް މި ތަށި ލިބުނު ފުރަތަމަ ފަހަރެވެ.
އެ ޓީމުގެ ގޯލުތައް ޖެހީ ކެޕްޓަން، މޮޅަށް ކުޅުނު މުޒްދާން ހަސަން އާއި ސާޖިދު އަހުމަދު އިބްރާހިމް އެވެ. މަގޫދޫގެ ހަމައެކަނި ލަނޑު ޖެހީ، ޖަޒްލާން މާހިރު އެވެ.
ފ. އަތޮޅުގެ ތަށި ދަރަނބޫދޫ އިން ހޯދީ 2-1 ގެ ނަތީޖާއިން މަގޫދޫ ބަލިކޮށްގެން. އިމޭޖަސް އެމްވީ