ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ ކަރަންޓު ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހްމީ އާއި ކުންފުނީގެ އިސްވެރިން ވަނީ އެ ސަރަޙައްދުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގައި ދެމުންގެންދާ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަކުރުމާއި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ކ. ދިއްފުށީގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތްވެސް ސްޓެލްކޯއިން ވަނީ ބަލާލާފައެވެ. މި ދަތުރުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހްމީގެ އިތުރުން ކުންފުނީގެ އެހެން އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.
ސްޓެލްކޯއިން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ފެންވަރު މަތިކުރުމަށް މަސައްކަތްކުރަމުންނެވެ.