ކ. ގުރައިދޫ، ބަގީޗާމަންޒިލް މުޞްއަބު ބިން ފައިސަލް (14 އަހަރު) އަށް ހާފިޡުކަމުގެ މަޤާމު މިއަދު ދީފިއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ޚުލާސާ ނޫހަށް މަޢުލޫމާތު ދެއްވިގޮތުގައި މުޞްއަބު ޤުރުއާން ހިތުދަސްކުރަން ފެށީ އުމުރުން 6 އަހަރުގައެވެ.
އުމުރުން 8 އަހަރުގައި 2019 ވަނަ އަހަރު މުޞްއަބު މުޅި ޤުރުއާން އެއްކޮށް ހިތުދަސްކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް، މުޞްއަބުގެ ހިތުދަސްކުރުމުގެ ދުވެލި އިތުރުވެގެން ދިޔައީ 2020 ވަނަ އަހަރު ޤުރުއާން ކްލާހަކާ ގުޅުމަށްފަހުގައެވެ.
ދުވާލަކު 1-2 ޞަފްޙާގެ މަގުން، ދުވާލަކު 1 ގަޑިއިރަށް ކިޔަވަމުން ދިޔަ ކްލާސްތައް 2021 ވަނަ އަހަރު ނިންމާލިއިރު 22 ފޮތް ވަނީ ހިތުދަސްކޮށް ނިންމާފައެވެ.
މުޞްއަބު ޤުރުއާން އެއްކޮށް ހިތުދަސްކޮށް މުރާޖަޢާކުރަން ފެށީ 2021 ވަނަ އަހަރުއެވެ. އަދި މުރާޖަޢާކޮށް އެއްކޮށް ނިންމާލެވުނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ.