ގޯލްޑެން ފުޓްސަލް ޗެލެންޖް 2025ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ބޮޑު ތަފާތަކުން ވިލިނގިލި ބަލިކޮށް ދެއްވަދޫއިން ހޯދައި، ފުޓްސަލްގައި އެ އަތޮޅުގެ ރަސްގެފާނަކީ ދެއްވަދޫ ކަމުގައި އެ ޓީމުން ސާބިތު ކޮށްދީފިއެވެ.
ދެއްވަދޫ ޓީމުގެ އަހްނަފް ރަޝީދު އަދި ޝިފާޒު އަލީ އުފާ ފާޅުކުރަނީ. / ފޮޓޯ: ގޯލްޑަން ފުޓްސަލް
ބެންޖޯގެ ކޯޗުކަމުގައި މުބާރާތުގައި އެންމެ ތަފާތު ކުޅުމެއް ދައްކަމުން އައި ދެއްވަދޫއިން ތަށި ނެގީ 9-1 ލަނޑުން ވިލިނގިލި ބަލިކޮށްގެންނެވެ.
މުބާރާތުގެ މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދީ ދެއްވަދޫ ޓީމުންނެވެ. އެއީ އެ ޓީމުގެ ޖަރޒީ ނަންބަރު 20 އަހުނަފް ރަޝީދެވެ.
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ދެއްވަދޫގެ ދެ ކުޅުންތެރިން ހެޓްރިކް ހެދިތަން ފެނިގެން ދިޔައެވެ. އަހުނަފް ރަޝީދު (އަހުއްކޮ) ހެޓްރިކެއް ހެދިއިރު އަނެއް ހެޓްރިކް ހެދީ ޝިފާޒް އަލީ (މަޓާ ތުއްތު) އެވެ. މި މެޗުގައި ރާހިލް ރަޝީދު (ރާއްކޮ) ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ދެއްވަދޫ އަށް ޖަހައިދިނީ ނަސޫޙް ސަޢީދު (ނަސުއްޓެ) އެވެ. ވިލިނގިލީގެ ސުން ކަނޑުވައިދިނީ ދެވަނަ ހާފުގައި އިބްރާހިމް ޒިމާން އަޙްމަދެވެ.