ސްޓާލިންކު ސެޓެލައިޓްތަކުން މޯބައިލް ފޯނަށް ޚިދުމަތް ދިނުމުގެ ބީޓާ ޓެސްޓުތައް މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޭސްއެކްސްގެ ސީއީއޯ އިލޮން މަސްކު ހާމަކޮށްފިއެވެ. މިކަން އޭނާ ހާމަކުރެއްވީ އިޖުތިމާޢީ މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިލޮން މަސްކު ބުނިގޮތުގައި މި ސެޓެލައިޓްތައް މަސައްކަތް ކުރާނީ ޖައްވުގައިވާ ސެލް ޓަވަރުތަކެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ބިމުގައިވާ ޓަވަރުތަކުގެ ސިގްނަލްތައް ބޭނުން ނުކޮށް، މި ސެޓެލައިޓްތަކުގެ އެހީގައި އިންޓަނެޓާއި ފޯނުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.
މިއީ ސްޓާލިންކުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓު ކާމިޔާބު ވެއްޖެނަމަ، ދުނިޔޭގެ ކޮންމެ ހިސާބެއްގައިވާ މީހަކާއި ވެސް ގުޅާލެވޭނެއެވެ.
މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ "ޑެޑް ޒޯން" ތައް ނައްތާލައި، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް އެހީތެރިކަމަށް އެދި ގޮވާލެވޭނެ ގޮތެއް ހޯދުމެވެ. މި ޕްރޮޖެކްޓު ކާމިޔާބު ވެއްޖެނަމަ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރިކަމުގައި ވީނަމަވެސް ފަސޭހަ ކަމާއެކު އެހީއަށް އެދި ގުޅާލެވޭނެއެވެ.
ޚާއްޞަ ކަމެއްގެ ގޮތުގައި، މި ޚިދުމަތް ބޭނުންކުރުމަށް ވަކި ޚާއްޞަ ހާޑްވެއަރ ނުވަތަ ފޯނެއް ބޭނުމެއް ނުވާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ސްޓާލިންކުން މިހާރުވެސް ދަނީ މުޅި ދުނިޔެއަށް އަވަސް އަދި އިތުބާރުހުރި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.