މާލޭގައި ނުތާހިރު ތަނެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ފަސް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދާ ތަނެއް، އެ އިދާރާގެ ޓާސްކު ފޯހުން އިއްޔެ އާއި މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެތަނަކީ އާންމު ސިއްޙަތަށް ނުރައްކާވާ ގޮތަށް، ސާފުތާހިރުކަމެއް ނެތި ބިދޭސީން އުޅެމުންދިޔަ ތަނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ފަސް ބިދޭސީއަކު އެތަނުން ހިފެހެއްޓި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ބިދޭސީން އެއްވެ އުޅޭ އާންމު ސަރަޙައްދުތައް މޮނީޓާކުރުމުގެ މަސައްކަތް އިމިގްރޭޝަނުން އިއްޔެ ވަނީ ފަށާފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، ބިދޭސީން އުޅޭ ތަންތަން މޮނީޓާކުރުމުގެ މަސައްކަތް ފެށީ އާންމު ސަރަޙައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭ ކަހަލަ ކަންކަން ހިންގަމުންދާތީ އެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ސަރުކާރުން ކުރާ ބޮޑު މަސައްކަތުގައި އިމިގްރޭޝަނުން މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައެވެ.