ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަޚަމްތަކަކާއޮ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކަން ހިނގި ގޮތާމެދު ޝައްކުތައް ގިނަވެފައި ވަނިކޮށް، އެމެރިކާގެ ތަޙުޤީޤީ އިދާރާ އެފްބީއައިގެ އެހީތެރިކަން ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަނީ އެ މައްސަލައިގައި އެފްބީއައިގެ އެސިސްޓެންސް (އެހީތެރިކަން) ހޯދަމުން،"
އެނގިފައިވާ ގޮތުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ، ރަށު މީހުންގެ ޝަކުވާ ބޮޑުވެފައިވާތީ ފުލުހުންގެ ތަޙުޤީޤު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށެވެ. މިނިވަން ތަޙުޤީޤީ އިދާރާއެއް ތަޙުޤީޤުގައި ބައިވެރިކޮށް، ޝައްކުތައް ސާފުކުރުމަކީ ވެސް ބޭނުމެކެވެ.
ޒަކިއްޔާ މޫސާ (50 އަހަރު، މާރަނގަ، ނ. ހޮޅުދޫ) މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރެއިންނެވެ. ޒަކިއްޔާގެ މަރާއިމެދު ޝައްކުތަކެއް އުފެދުނީ އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނާއި، ކައިރީގައި ވަޅިއެއް އޮތުމުންނެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ މިހާތަނަށް ބެލި ބެލުމުން އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން ފާހަގަ ނުކުރެވޭ ކަމަށެވެ. ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށް ކަން ނުވަތަ މީހަކު މަރާލީ ކަމަށް ފުލުހުން އަދި މުޅީން ނުނިންމައެވެ. މައްސަލަ ހިނގި ގޮތް ސާފުވާ ވަރަށް އަދި ތަޙުޤީޤު ފުރިހަމަ ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ހޮޅުދޫގައި ފުލުހުންގެ އިސް ބޭފުޅުންގެ ޓީމެއް، އެފްބީއައިގެ ޓީމަކާއެކު ހަރަކާތްތެރިވި ކަމަށް އެރަށުގެ ބައެއް މީހުން ކިޔައިދިނެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން ރަށު ތެރޭގައި ވާހަކަތައް ހޫނުވެ، ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ހިނގާފައެވެ.