އިއާދަކުރަނިވި ހަކަތަ އާއި ލޯ އެމިޝަން ތަރައްގީގެ ފުރުސަތުތައް ހޯދުމަށް ޖަޕާނާ އެކު ދިވެހި ސަރުކާރުން އިއްޔެ މަޝްވަރާކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ޖަޕާނުގެ އަސަކުރާ ތަކެކަޒޫ އާއި އެ ގައުމުގެ ވަފުދަކާ، މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މައުލޫއަކީ ޖަޕާނުގެ އެހީ އާއި އިންވެސްޓްމަންޓްތަކުގެ ޒަރީއާ އިން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އާއި ލޯ އެމިޝަން ތަރައްގީގެ ފުރުސަތުތައް ކުރިއެރުވުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ތޯރިގް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ޖަޕާނުގެ ވަފުދުން ފާހަގަކުރެއްވީ ދިވެހިރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ގައުމެއް ކަމާއި، މި ދާއިރާއިން ދިވެހިރާއްޖެއަށް އެހީތެރިވުމަށް ޖަޕާނުން ޝައުގުވެރިކަން ފާޅުކުރައްވާ ކަމެވެ،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ހޯދުމަށް މަގުފަހިވި ބައްދަލުވުމެކެވެ.