ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައްވެސް ހަކަތަރި ޕްރޮގްރާމަށް ގެންނަނީ

އައިޝަތު ރުވާ ރިފްޢަތު | 53 ދުވަސް ކުރިން - 14:37
މޫސުމީ ބަދަލުތަކާއި ތިމަވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
މޫސުމީ ބަދަލުތަކާއި ތިމަވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ޚުލާސާ

ކުރިއަށް އޮތްތަނުގައި ޕަބްލިކް ޕްރޮކިއުމަންޓް ގަވާއިދުތަކަށް ބަދަލުގެނެސް، ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އެއްޗެއްސަކީ ވެސް ހަކަތަރި ޕްރޮގްރާމްގެ ތެރެއިން ހޯދާ އެއްޗިއްސަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވި.

ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތަކަކީ، ހަކަތަރި ޕްރޮގްރާމްގެ ދަށުން ހޯދާ ވަޞީލަތްތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މި މަސައްކަތް ކުރުމަށް އުސޫލުތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޕަބްލިކް ޕްރޮކިއުމަންޓް ގަވާއިދުތަކަށް ބަދަލުގެނެސް، ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އެއްޗެއްސަކީވެސް ހަކަތަރި ޕްރޮގްރާމްގެ ތެރެއިން ހޯދާ އެއްޗިއްސަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ބީލަމުގައި ތަކެތި ގަތުމުގައި ޢަމަލުކުރެވޭ އުސޫލަށް ގެނެވޭ ބަދަލުތަކާއެކު މުޅި ދައުލަތުންވެސް ކަރަންޓު އުފެއްދުމަށް ހޭދަކުރާ މިންވަރު ދަށްކުރެވޭނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުގެ ދަށުން ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް މީގެ ސަބަބުން އިތުރު ބާރަކަށް ވެގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާރު ހަކަތަރި ޕްރޮގްރާމްގެ ދަށުން ދޮންނަ މެޝިނާއި، އައިސްއަލަމާރި އަދި އެއަރކޮންޑިޝަނަރ ރޭޓުކޮށް ވިއްކަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ގޭބިސީތަކުގައި ބޭނުންކުރާ ފެން ހޫނުކުރާ ވަޞީލަތްތަކާއި، ފެން ޕަމްޕު އަދި ފަންކާ ފަދަ އިތުރު އާލާތްތައް ވެސް މި ޕްރޮގްރާމްގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތްތަކާއި ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، ޔޫއެސް އެއިޑްގެ ދެކުނު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް ގުޅިގެން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޔޫއެސް އެއިޑްގެ ތަޖުރިބާކާރުންނާއި، ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާއި، ވިޔަފާރިތަކުން ބައިވެރިވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%