އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި ސަފީރަށް މިނިސްޓަރު ހަލީލް މަރުހަބާ ދެންނެވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހަލީލް ވަނީ ދެ ގައުމު ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ގައުމަށް ފައިދާހުރި ކަންތައްތައް ހާސިލުކުރުމަށް ސަރުކާރާ އެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ އެރުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެމްބެސެޑާ އެޓް ލާޖް، މުހައްމަދު ފަހުމީ ހަސަން އާއި އިންޑިއާ ޑިވިޝަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ޑިރެކްޓާ އަހްމަދު ސުޒިލް އާއި އާއިޝަތު ޝަހުލާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ޑެޕިއުޓީ ހައި ކޮމިޝަނަރު ކުމާރް ގޯރަވް ވެސް ބައިވެރިވެވަޑައިގަތެވެ.