އިމިގްރޭޝަނަށް ފިލި 60 ބިދޭސީން މަޑުއްވަރީއަށް އަރައިފި

އުސްތާޛް މުޙައްމަދު ޢަލީ | 53 ދުވަސް ކުރިން - 12:18
މީގެކުރިން ތިލަފުށިން އަތުލައިގަތް ބިދޭސީންތަކެއް ލޯންޗަކަށް އަރުވަނީ.
މީގެކުރިން ތިލަފުށިން އަތުލައިގަތް ބިދޭސީންތަކެއް ލޯންޗަކަށް އަރުވަނީ.
ޚުލާސާ

މަޑުއްވަރީއަށް އެރި ބިދޭސީން ހޯދަން ކުރި މަސައްކަތުން މިހާތަނަށް ފެނުނީ 19 މީހުން.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަންގައި، އިމިގްރޭޝަނުން ރ. އަތޮޅުގައި އޮންނަ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ދާ ކަން އެނގިގެން އެ ރިސޯޓުގެ 60 ބިދޭސީއަކު ފިލަން މަޑުއްވަރީ އަށް އަރައިފި އެވެ.

ރ. މަޑުއްވަރީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ލޭބާ ރިލޭޝަން އޮތޯރިޓީން އެމަރަލްޑް ރިސޯޓަށް ދާ ކަން އެނގިގެން ބިދޭސީން ފުރީ ލޯންޗްތަކުގައި އެވެ. އޭގެތެރެއިން އެއް ބަޔަކު މަޑުއްވަރީއަށް އެރިކަން ކައުންސިލަށް އެނގުނީ ފުލުހުންގެ ފަރާތުންނެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި އެމަރަލްޑް އައިލެންޑް ރިސޯޓަކީ 2002 ވަނަ އަހަރުން ފެށިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގޮސްގެން ހިންގާ ރިސޯޓެކެވެ. މި ކަމަކީ ކުރީގެ ހުރިހާ ސަރުކާރަކަށް ވެސް އެނގިގެން ހިނގަމުންދާ ކަމެކެވެ.

ކައުންސިލުން ބުނި ގޮތުގައި މަޑުއްވަރީއަށް އެރި ބިދޭސީން ހޯދަން ކުރި މަސައްކަތުން މިހާތަނަށް ފެނުނީ 19 މީހުންނެވެ. އެ މީހުންނާއި މެދު އަމަލުކުރަންވީ ގޮތެއް ކަމާ ގުޅޭ އިދާރާތަކުން ސާފުނުވެ ލަސްވުމުން އަނބުރާ ރިސޯޓަށް ފޮނުވާލާފައިވެ އެވެ. އެ ރަށަށް އެރި 60 މީހުންގެ ތެރެއިން ބާކީ ތިބި މީހުން އަދި ނުހޯދެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އެ ރަށަށް އެރި ބިދޭސީން ހޯދަން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މީހުން އުޅެނީ ރަށުގައި ތިބި ބިދޭސީންނާ ގުޅިގެން ތަންތަން ކުއްޔަށް ނަގައިގެންނެވެ.

ރިސޯޓުން ރަށަށް އެރި ބިދޭސީއަކު އެއްވެސް ސަރަހައްދަކުން ފެނިއްޖެނަމަ ނުވަތަ އެއްވެސް މީހެއްގެ މައުލޫމާތު އެނގޭ ނަމަ އެންގުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެއްވެސް ބިދޭސީއަކާއި ރަށުގެ އެއްވެސް ފަރާތަކުން ހަވާލުނުވުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް ރިސޯޓެއްގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ފިލި މައްސަލާގައި ފުލުހުންނާއި އިމިގްރޭޝަންގެ ބަހެއް އަދި ނުލިބެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%