ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ޖުމްލަ 2,485 ކައިވެނި ކުރެވުނުއިރު، 1,326 ވަރި ރަޖިސްޓްރީ ކުރެވިފައި ވެއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައި ކުރެވުނު 181 ކައިވެނި ވެސް ރަޖިސްޓްރީ ކޮށްދެވުނު އިރު 45 އަންހެނުން ބޭރު ފިރިހެނުންނާއި ކައިވެނި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފައިވެއެވެ.
މި ތަފާސްހިސާބުތަކާއި ގުޅިގެން، ޚުލާސާ ނޫހުން ބޭރު ފިރިހެނަކާއި ކައިވެނިކޮށްގެން އުޅޭ ދިވެހި އަންހެނަކާއި ސުވާލުކުރިއެވެ. އޭނާ ބުނިގޮތުގައި، ބައެއް ފަހަރު ބޭރުގެ ފިރިހެނުންގެ އެޓިޓިއުޑާއި އެކަކު އަނެކަކަށް ދޭ އިޙްތިރާމުގެ އިޙްސާސް ދިވެހި ފިރިހެނުންނާއި އަޅާބަލާއިރު ވަރަށް ތަފާތެވެ.
"ރާއްޖޭގެ ގިނަ ފިރިހެނުން ބޭނުންވަނީ 'ޓިޕިކަލް ހައުސްވައިފް' އެއް. އެކަމަކު ދެމަފިރިން ވަޒީފާއަށް ގޮސް އެއްވަރަކަށް ދިރިއުޅުމަށް ޚަރަދުކުރަންޏާ 'ޓިޕިކަލް ހައުސްވައިފް' އެއް ކިހިނެއްތޯ ލިބޭނީ؟ ހުރިހާ ފިރިހެނުންގެ ވާހަކައެއް ނޫން މިބުނަނީ، އެކަމަކު ގިނަ ފިރިހެނުން މިގޮތަށް ވިސްނާ،" އޭނާ ބުނުއްވިއެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއީ ދިވެހި ޘަޤާފަތް ދޫކޮށްލުމެއް ނޫނެވެ. ނަމަވެސް، އަމިއްލައަށް ރަނގަޅު ދިރިއުޅުމެއް ބޭނުންވެގެން ނެގި ނިންމުމެކެވެ.
މިއިން ދޭހަވަނީކީ ދިވެހި ފިރިހެނުންގެ ކިބައިގައި މި ސިފަތައް ނެތް ކަމެއް ނޫނެވެ. އެހެނަސް، ވިސްނުން އިތުރަށް ތަރައްޤީވެފައި ނުވާކަމާއި، ކުރީ ޒަމާނުގެ އުސޫލު ގެންގުޅެ 1900 ގެ ވިސްނުމާއި އެއްގޮތަށް އުޅޭ ކަމެވެ.
ދިވެހި ފިރިހެނުން މިކަމަށް ވިސްނައި، އަމަލުތައް ރަނގަޅުކުރަން އެބަޖެހޭކަން ފާހަގަކުރެވެއެވެ. ޒަމާނާއި އެއްގޮތަށް ވިސްނުން ބަދަލުކޮށް، އަންހެނުންނަށް އިޙްތިރާމް ކުރުމާއި، ހަމަހަމަކަމާއެކު ޒިންމާތައް ޙިއްސާ ކުރުމަކީ މުހިންމު ކަމެކެވެ. އަދި ދެމަފިރިންގެ ގުޅުމުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
މުޖުތަމަޢުގެ ބަދަލުވަމުންދާ ސިފަތަކާއި އެއްގޮތަށް، ދިވެހި ފިރިހެނުން ވެސް އެމީހުންގެ ދައުރު އަދާކުރުމުގައި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން އެނގެއެވެ. ޚާއްޞަކޮށް ގޭތެރޭގެ މަސައްކަތްތަކުގައި ހަމަހަމަ ގޮތެއްގައި ބައިވެރިވުމާއި، ދަރިން ބެލެހެއްޓުމުގައި އިތުރު ޒިންމާ ނެގުމަކީ މުހިންމު ކަމެކެވެ.
ބައެއް ދިވެހި އަންހެނުން ބިދޭސީ ފިރިހެނުންނާއި ކައިވެނިކުރުމަށް އިސްކަންދެނީ، އެމީހުންގެ ކިބައިގައި ހުންނަ ބައެއް އަޚްލާޤީ ސިފަތަކާއި، ޒަމާނީ ވިސްނުމުގެ ސަބަބުންނެވެ. ނަމަވެސް، މިއީ ހުރިހާ ދިވެހި ފިރިހެނުންނަށް ރައްދުވާ ވާހަކައެއް ނޫނެވެ.