ސްޕެނިޝް ލީގާގައި ރޭ ކުޅުނު މެޗުގައި ގެޓަފޭއާ 1-1 އިން އެއްވަރުވެ، ލީގު ހޯދުމުގެ ރޭހުގައި އިތުރު ގޮންޖެހުމަކާއި ބާސެލޯނާއިން ކުރިމަތިލާން ޖެހިއްޖެއެވެ.
ރިއަލް މެޑްރިޑް ބަލިކޮށް މިދިޔަ ހަފުތާގައި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށް، ރަނގަޅު ފޯމެއްގައި ހުރި ބާސެލޯނާ އަށް މި މެޗުން ތިން ޕޮއިންޓް ލިބޭނެ ގޮތެއް ނުވިއެވެ. މިހާރު ބާސެލޯނާ އޮތީ 39 ޕޮއިންޓާ އެކު ތިން ވަނައިގައެވެ.
ތާވަލުގެ އެއްވަނައިގައި 44 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑް ލެގަނޭސް އަތުން 1-0 އިން ބަލިވި ނަމަވެސް، ބާސެލޯނާ އަށް އޭގެ ފުރިހަމަ ފައިދާ ނެގޭ ގޮތެއް ނުވިއެވެ. ދެވަނައިގައި 43 ޕޮއިންޓާ އެކު އޮތް ރެއާލް މެޑްރިޑް މިރޭ 14 ވަނައިގައި 33 ޕޮއިންޓާއެކު އޮތް ލަސް ޕަލްމަސްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ބާސެލޯނާގެ މައްޗަށް ހަތް ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ.
"އަދިވެސް ލީގު ހޯދުމުގެ ރޭސް ނުނިމޭ. އަހަރެން ކުރިން ބުނި ގޮތަށް ފަހު ވަގުތާ ހަމަޔަށް މަސައްކަތްކުރާނަން،" ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުންޏެވެ. "މިއަދު ދެ ޕޮއިންޓް ގެއްލުނީއެއް ނޫން. އެއް ޕޮއިންޓް އިތުރަށް ލިބުނީ."
މި ނަތީޖާއާ އެކު ބާސެލޯނާގެ ލީގު ހޯދުމުގެ އުންމީދަށް އިތުރު ހީނަރުކަމެއް އައިސްފައިވާއިރު، ކުރިއަށް އޮތް މެޗުތަކުގައި ފުރިހަމަ ޕޮއިންޓް ހޯދުމަކީ އެ ޓީމަށް ވަރަށް މުހިންމު ކަމަކަށް ވެފައިވެއެވެ. ސީޒަނުގެ ބާކީ އޮތް ބައިގައި ބާސެލޯނާ އަށް ކުރިމަތިވާނެ ގޮންޖެހުންތައް އިތުރުވެ، ލީގު ހޯދުމުގެ ވާދަވެރިކަން އިތުރަށް ހޫނުވާނެ ކަމަށް ބެލެވެއެވެ.