ރާއްޖޭގެ އާންމު ޚިދުމަތްތައް ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިންނެވެ.
ދައުކަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް، ޤައުމީ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ޑިޖިޓަލް ދާއިރާއިން ޤާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި ހަތަރު އަހަރުގެ ތެރޭގައި، ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް، ޕަބްލިކް ސަރވިސްގެ ހުރިހާ ކަމެއް، ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރުމަށް ރޭވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިޖިޓަލްގެ ރޮނގުން ކުރިއަރާފައިވާ އެސްޓޯނިއާ އަށް ވަޑައިގެންނެވުމުން، އެޤައުމުގެ ރައީސް ޑރ. އަލާރ ކަރިސް (ވ) ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޑިޖިޓަލް ތަޞައްވަރަށް މަރުޙަބާ ވިދާޅުވެފަ. ރައީސްގެ އަމާޒަކީ މި 4 އަހަރުތެރޭ ރާއްޖެ ޑިޖިޓަލް ކުރުން.
އެސްޓޯނިއާއަކީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމުގައި މުޅި ދުނިޔޭގައިވެސް ނަމޫނާ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އާންމު ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގައި އެސްޓޯނިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން މި ދަތުރުފުޅުގެ ތެރެއިން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ "ޑިޖިޓަލް ހިންގުން" ތަޖުރިބާ ކޮށްލައްވަނީ - ރައީސްގެ ތަޞައްވަރާއެކު ދިވެހި ރާއްޖެ ވެގެންދާނީ ޑިޖިޓަލް ދުނިޔޭގައި ނަން ހިނގާނެ ޤައުމަކަށް.
2040 ވަނަ އަހަރާއި ހަމައަށް ދާއިރު، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވުރު ޙާޞިލްކުރުމަށް، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީ އާއި ވިސްނުންތަކުގެ ދައުރު ވަރަށް މުހިންމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގައި ވެސް އޭއައި މާސްޓަރ ޕްލޭނެއް ހަދައި، ޤައުމު ތަރައްޤީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.