ޓެލިންގައި ހުންނަ ގްރީނަރޖީ ޑޭޓާ ސެންޓަރ (ޖީޑީސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޒިޔާރަތްކުރައްވާފައެވެ.
ރައީސް އެ ސެންޓަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރ މިސްޓަރ ކާރޓް އެވަރޓްގެ އިތުރުން ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކޭލްއެވެ.
އެއަށްފަހު ރައީސް އަށް އެ މަރުކަޒާ ބެހޭ ޕްރެޒެންޓޭޝަނެއް ދެއްވީ ޖީޑީސީގެ ބާނީ އަލްފާޟިލް އުއްލާރު ޖައްސޫއެވެ. މި ޕްރެޒެންޓޭޝަންގައި ޖައްސޫ ވަނީ އެ ސެންޓަރުގެ އަމާޒަކީ ޑިޖިޓަލައިޒޭޝަންގެ ޒަރިއްޔާއިން އެންމެން ގުޅިލާމެހިފައިވާ ޑިޖިޓަލް މުސްތަޤުބަލެއް އެ ސެންޓަރުގެ ޕާޓްނަރުންނާއެކު ކޯ-ކްރިއޭޓް ކުރުމަށް އެޑްވައިޒަރީ ރޯލެއް ފޯރުކޮށްދިނުން ކަން ފާހަގަކުރައްވާފައެވެ. އެއަށްފަހު ރައީސް ވަނީ އެ ފެސިލިޓީތަކަށް ޒިޔާރަތްކުރައްވައި އެތަނުގެ އެނަރޖީ އެފިޝިއަންޓް އޮޕަރޭޝަންތަކާއި ޑޭޓާ ރައްކާކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.
2020 ވަނަ އަހަރު އުފެއްދި ޖީޑީސީއަކީ ބޯލްޓިކް ސަރަޙައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރެވެ. މި ފެސިލިޓީގައި އެޑްވާންސް އޭއައި ޑްރިވެން ސެކިއުރިޓީ ސިސްޓަމްތަކާއި ސަވައިލެންސް ހިމެނެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށްޓަކައި ވޭސްޓް ހީޓް ރިސައިކަލް ކުރުމުގެ މަސައްކަތް ވެސް އެ ސެންޓަރުން ކުރެއެވެ.
ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އާލަރ ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.