ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް އަށް ޓޮޓެންހަމް ކޮޅަށް 10 ލަނޑު ޖެހުމުގެ ފުރުސަތު އޮތް ކަމަށް މިޑްފިލްޑަރު ޑެކްލަން ރައިސް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލް މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ 25 ވަނަ މިނެޓުގައި ސޮން ހޫންގް-މިން ޓޮޓެންހަމް އަށް ލީޑު ހޯދައިދިން ނަމަވެސް، ޑޮމިނިކް ސޮލާންކޭގެ އަތުން ބައިކޮޅަށް ވަން ގޯލަކުން އާސެނަލް އިން ވަނީ އެއްވަރުކޮށްފައެވެ. އަދި 44 ވަނަ މިނެޓުގައި ލިއެންޑްރޯ ޓްރޮސާޑް ވަނީ އާސެނަލް އަށް ލީޑު ނަގައިދީފައެވެ.
ރޭ އާސެނަލުން ގޯލު ޖަހަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ގޯލު ޖަހަން ވެގެން ހެދި 14 ޝޮޓުގެ ތެރެއިން އަމާޒު ކޮށްލެވުނީ 4 ފަހަރުއެވެ.
"އަހަންނަށް ހީވަނީ މިރޭ އަހަރުމެންނަށް 10 ލަނޑު ނުޖެހުނީ ނަސީބު ނެތީމަހެން." ރައިސް ބުންޏެވެ.
މި މޮޅައެކު އާސެނަލް ވަނީ ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދުގައި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އެ ޓީމުގެ ކުޅުން ވަރަށް ފުރިހަމަ ކަމަށާއި، ފުރަތަމަ މިނެޓުން ފެށިގެން ވަރަށް އިންޓެންސްކޮށް ކުޅުނު ކަމަށެވެ.
އާސެނަލް އިން މިހާރު ވަނީ ޕްރިމިއަރ ލީގުގައި ވިދިވިދިގެން 11 މެޗު ބަލިނުވެ ކުޅެފައެވެ. އެ ޓީމުގެ ދެން އޮތް މެޗަކީ ހޮނިހިރު ދުވަހު އަސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗެވެ