ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބާއްވާ ސަގާފީ ޙަރަކާތްތަކުގެ ތެރެއިން، ޓާރްޓޫގައި ހުންނަ އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީއާރުއެމް) ބައްލަވާލައްވައިފިއެވެ.
އެ މިއުޒިއަމް އިން ރައީސް އަށް މަރުޙަބާ ދެންނެވީ މިއުޒިއަމްގެ ޑިރެކްޓަރ ޑރ. ކެރްޓޫ ސާކްސްއެވެ. ސާކްސް ވަނީ މިއުޒިއަމުގެ ތަންތަނާއި މައުރަޒުތައް ރައީސް އަށް ދައްކަވާލައްވާފައެވެ. އެއަށްފަހު ރައީސް ވަނީ މިއުޒިއަމްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
އީއާރުއެމް ޚާއްސަކޮށްފައި ވަނީ އެސްޓޯނިއާގެ ރައްޔިތުންގެ ތާރީޚާއި ސަގާފަތާއި އާދަކާދަތައް ހިމާޔަތްކޮށް ދައްކާލުމަށެވެ. މީގެ މައުރަޒުތަކުގައި އިހުގެ ތާރީޚުން ފެށިގެން ޒަމާނީ އިޖުތިމާޢީ ކުރިއެރުންތަކާ ހަމައަށް ސަގާފީ އައިޑެންޓިޓީ އާއި ތަރިކަ އާއި މިޒަމާނުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ މަންޒަރުތައް ހިމެނެއެވެ.
ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އާލަރ ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ މަންދޫބުން ހިމެނޭ ގޮތަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.