ޔުނިވަރސިޓީ އޮފް ޓާރްޓޫގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އެސެރާއި، އެ ޔުނިވަރސިޓީގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ޓާރްޓޫ ސިޓީގެ މޭޔަރ މިސްޓަރ އުރްމަސް ކްލާސް ބައިވެރިވެވަޑައިގެންނެވިއެވެ. ޔުނިވަރސިޓީގެ އޮފިޝަލުން ވަނީ ސައިންޓިފިކް ރިސަރޗްގެ ރޮނގުން މަޝްޙޫރުކަން ލިބިފައިވާ ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ ޔުނިވަރސިޓީއެއްގެ ގޮތުގައި އެ ޔުނިވަރސިޓީގެ ދަރަޖަ ފާހަގަކުރައްވައި އެމުއައްސަސާގެ ތަފްޞީލު ދެއްވާފައެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ސްމާޓް ސިޓީ ސޮލިއުޝަންތައް ގެންގުޅުމުގައި ޓާރްޓޫ ކުރި ދަތުރުގެ މަޢުލޫމާތު ޙިއްސާކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
ރައީސް ވަނީ ޔުނިވަރސިޓީއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމުން އުފާކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެފަދަ ޑިޖިޓަލް އިނޮވޭޝަންތަކާއެކު ރާއްޖޭގެ ސިޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޑިޖިޓަލައިޒޭޝަން އަދި ޕޭޕަރލެސް ގަވަރނަންސްގައި ޓާރްޓޫގެ ތަޖުރިބާގެ ބޭނުން ހިފުމަށް އެސްޓޯނިއާއާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ދިވެހި ދަރިވަރުންނަށް ޓާރްޓޫގައި ކިޔެވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވައި، ބޭސްވެރިކަމާއި، ޑިޖިޓަލް ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ސައިންސް ފަދަ އެކި ދާއިރާތަކުން ފަންނުވެރިން ތަމްރީނުކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ޙާޞިލްކުރުމަށް ހުރި ސްކޮލަރޝިޕް ފުރުޞަތުތަކާއި މަގުތައް އޮޅުންފިލުއްވާފައެވެ.
މިކަމާއި ގުޅިގެން ޔުނިވަރސިޓީގެ މަންދޫބުން ވަނީ ދިވެހި ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ވިސްނުމަށް މަރުޙަބާ ވިދާޅުވެ، ސްކޮލަރޝިޕްތަކާއި ގުޅިގެން ކުރިއަށްދެވޭނެ ދާއިރާތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. ޔުނިވަރސިޓީގެ އޮފިޝަލުން ވަނީ ޢިލްމީ ގުޅުން ބަދަހިކުރުމަށް އިތުރަށް މަޝްވަރާކުރަން ތައްޔާރަށް ތިއްބެވިކަން ހާމަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ޔުނިވަރސިޓީގެ އޮފިޝަލުން ދެއްވި އެއްބާރުލެއްވުމާއި، ޔުނިވަރސިޓީގެ އޮފިޝަލުން ދެއްކެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ރައީސް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.