ޓާރްޓޫ ޔުނިވަރސިޓީއަށް ރައީސް ޒިޔާރަތްކުރައްވައި

އަައިޝަތު ޒީނާ | 56 ދުވަސް ކުރިން - 18:41
ޓާރްޓޫ ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޓާރްޓޫ ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޖީނޯމިކްސް، ކޮމްޕިޔުޓަރ ސައިންސް އަދި މެޓީރިއަލް ސައިންސްގެ ރޮނގުން ފާހަގަކޮށްލެވޭ މި ޔުނިވަރސިޓީގެ އެކިއެކި ކެމްޕަސްތަކުގައި ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިފައިވޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެސްޓޯނިއާއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޓާރްޓޫ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރް އެވެ. މި ޒިޔާރަތުގައި، ޕްރޮފެސަރ އައްސެރް ވަނީ ރައީސް އަށް ކެމްޕަހުގެ މުހިންމު ސަރަޙައްދުތައް ދައްކަވާލައްވާފައެވެ. މީގެ އިތުރުން، ރައީސް ވަނީ ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ޓާރްޓޫ ޔުނިވަރސިޓީއަކީ އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއެކެވެ. ދުނިޔޭގެ ރިސާރޗް ޔުނިވަރސިޓީ ތަކުގެ ތެރެއިން އެންމެ މަތިން ދަރަޖަކުރެވިފައިވާ ރިސާރޗްތަކުގެ 1 އިންސައްތަ ޙިއްސާކުރާ އެސްޓޯނިއާ ސަރުކާރުގެ މި ރިސާރޗް ޔުނިވަރސިޓީގައި، 100 އަށްވުރެ ގިނަ ޤައުމުތަކުން އައިސްފައިވާ 13 އިންސައްތަ ބައިނަލްއަޤްވާމީ ދަރިވަރުން ހިމެނޭހެން، 14،300 ވަރަކަށް ދަރިވަރުން ކިޔަވަމުންދެއެވެ. ޖީނޯމިކްސް، ކޮމްޕިޔުޓަރ ސައިންސް އަދި މެޓީރިއަލް ސައިންސްގެ ރޮނގުން ފާހަގަކޮށްލެވޭ މި ޔުނިވަރސިޓީގެ އެކިއެކި ކެމްޕަސްތަކުގައި ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އެ ޔުނިވަރސިޓީއާއެކު މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ސުވާލުކުރައްވާފައެވެ. މީގެ ތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތަޢުލީމާއި، ދިރާސާކުރުމާއި އަދި ތަމްރީނުގެ ފުރުޞަތުތަކުގެ ވާހަކަ ހިމެނެއެވެ. މީގެ އިތުރުން، ޚާއްޞަގޮތެއްގައި މަޝްވަރާތައް އަމާޒުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ޤާބިލުކަން ބޭނުންކުރެވިދާނެ ގޮތްތައް ބަލައި ދެނެގަތުމަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އާލަރ ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%