އެސްޓޯނިއާގެ ފަންނިއްޔާތުގެ ދާއިރާއާއި ސްޓާޓްއަޕް އިކޯސިސްޓަމުން ރާއްޖޭގެ ޑިޖިޓަލް ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަށް ހިތްވަރު ލިބިގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާގެ ރައީސްއަށް ލަފާ އަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ މުހިންމުކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އުންމީދަކީ ދެ ޤައުމު ގުޅިގެން އިޖާދީ މަސައްކަތްތަކެއް ވީހާވެސް އަވަހަށް ފެށިގެންދިއުން ކަމަށެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އާލަރ ކަރިސްއަށް އެ ޤައުމުގެ ފަންނިއްޔާތުގެ ކަންކަމުގައި ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުވުން އޮތީ އެސްޓޯނިއާގެ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާރޓް މިއުޒިއަމްގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ތަޞައްވުރު ރައީސް ވަނީ ޙިއްސާކުރައްވާފައެވެ.
މި ބައްދަލުވުމަށް ފަހު އެސްޓޯނިއާގެ ރައީސް ޑރ. އާލަރ ކަރިސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެސްޓޯނިއާގެ ޑިޖިޓަލް ތަޖުރިބާ އާއި އިޖާދުތައް ފެށުމުގެ އިކޯސިސްޓަމްގެ ތަޖުރިބާތައް ރާއްޖެއާ ޙިއްސާކޮށް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި މިއީ ދިވެހި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށްވެސް ކުރިއެރުން ގެނެސްދޭނެ މަސައްކަތެއްކަމަށް އެސްޓޯނިއާގެ ރައީސް ވިދާޅުވިއެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، އެ ކައުންސިލްގެ މެންބަރުން ވަނީ އުމްރާނީ ވަޞީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްޤީގެ މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި އީޖާދުތަކަށް މަގުފަހިކުރުމަށް ސްޓެމް އެޑިއުކޭޝަނާއި ލޮޖިކަލް ތިންކިންގއަކީ ޅަ ޢުމުރުން ފެށިގެންވެސް އުނގަންނައިދިނުން މުހިންމު ކަންތައްތަކެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އެފަރާތްތަކުގެ ތަޖުރިބާ ޙިއްސާކޮށްދެއްވައި، ޚިދުމަތްތައް އަލުން ފަރުމާކުރުމާއެކު އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން، ކައުންސިލުގެ މެންބަރުން ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކުރިއަށް ގެންދެވުނު މަޝްވަރާތައް ޢަމާޒު ކުރެވިފައިވަނީ ދިވެހިރާއްޖޭގެ އަދުގެ ޙާލަތު ދެނެގަތުމާއެކު، ޑިޖިޓަލް ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.
ރައީސް ވަނީ އެސްޓޯނިއާގެ ރައީސް ޑރ. އާލަރ ކަރިސްއާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އެސްޓޯނިއާގެ ފަންނިއްޔާތުގެ އީޖާދުތަކާއި ފަންނިއްޔާތުގެ ދާއިރާގެ ވިޔަފާރިތައް ފެށުމަށް ބޭނުންކުރާ ސްޓާޓްއަޕް އިކޯސިސްޓަމަކީ ރާއްޖޭގެ މި ދާއިރާ ކުރިއެރުވުމަށް ލިބޭ ހިތްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދެ ޤައުމު ގުޅިގެން ކުރާ އިޖާދީ މަސައްކަތްތައް އަވަހަށް ފެށުމަށް އިންތިޒާރު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.