އީ-ގަވަރނެންސް ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުންހިފަން ރާއްޖެއިން ޝަޢުގުވެރިކަން ފާޅުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 56 ދުވަސް ކުރިން - 11:06
އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒާއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.
އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒާއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.
ޚުލާސާ

އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ ވިސްނުންތައް ބިނާވެފައިވަނީ، ދެފުށް ފެންނަ، ނަތީޖާ ނެރެވޭ، އިތުބާރުހުރި މިންގަނޑުތަކެއްގެ މަތީގައިކަން ރައީސް ފާހަގަކުރެއްވި

ރާއްޖޭގެ އީ-ގަވަރނަންސް އާއި އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުންހިފުމުގެ ޝަޢުގުވެރިކަން ރާއްޖެއިން ފާޅުކޮށްފިއެވެ. މި ޝައުގުވެރިކަން ފާޅުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން އެގައުމުގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް ތޮނީސް ސާރު އާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑިޖިޓަލް ގޮތުން ބާރުވެރި ޤައުމަކަށް ރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ވާހަކައެވެ. އަދި ޢާންމު ޚިދުމަތުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަންދިނުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒް ވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކަމެކެވެ. އަދި އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ ވިސްނުންތައް ބިނާވެފައިވަނީ، ދެފުށް ފެންނަ، ނަތީޖާ ނެރެވޭ، އިތުބާރުހުރި މިންގަނޑުތަކެއްގެ މަތީގައިކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ލިޓްރަސީ ކުރިއެރުވުމާއި، ލޯކަލް ގަވަރމެންޓްތަކުގެ ޑިޖިޓަލް ޤާބިލުކަން ހަރުދަނާކޮށް، ފެތުރިފައިވާ އާބާދީއަކަށް ޢާންމު ޚިދްމަތް ފޯރުކޮށްދިނުން އިތުރުކުރުން ފަދަ ކަންކަން، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކާއި އެއް ހަމަ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވައިލެއްވިއެވެ.

އެސްޓޯނިއާގެ ފަރާތުން، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރް ވިދާޅުވީ، އެކި ދާއިރާތަކުން ޑިޖިޓަލް ސިސްޓަމްތައް ތަންފީޒު ކުރުމުގައި އެސްޓޯނިއާއިން ކުރި ތަޖުރިބާތަކާއި ކުރިމަތިލި ގޮންޖެހުންތަކުގެ ވާހަކައެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޤްޞަދުތައް ޙާޞިލުކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކޮށް، އީ-ގަވަރނަންސް ހަރުދަނާކުރުމަށް އިތުރު ފުރުޞަތުތަކެއް ހޯދައިދޭނެ ދަތުރުފުޅެކެވެ. އެސްޓޯނިއާއަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ރޮނގުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއް ކަމަށްވުމާއެކު، އެ ޤައުމުގެ ތަޖުރިބާއިން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%