މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކުލަ ފަނޑުވަނީ ދޮގު ހަދައިގެން ސިޔާސީ ބިންގާ އަޅަން އުޅޭތީ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ވިދާޅުވެއްޖެއެވެ.
މަމްހޫޙު މިފަދައިން ވިދާޅުވީ މި ސަރުކާރުން އަލަށް ޗާޕްކުރި 100 ރުފިޔާގެ ނޫޓުން ކުރީ ސަރުކާރުން ޗާޕްކުރި 100 ގެ ނޫޓަށް ވުރެ ގިނަ އެއްޗެހި ގަނެވޭނެ ކަމަށް އޭނާ ވިދާޅުވިކަމަށް ބުނެ ހަދާފައިވާ ޕޯސްޓަކަށް އެކްސްގައި ރައްދު ދެއްވަމުންނެވެ.
އެ ޕޯސްޓަށް ރައްދު ދެއްވާ މަމްދޫޙު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ވާހަކައަކީ އެއްވެސްތާކު، އެއްވެސް އިރެއްގައި ވިދާޅުފައި ނޯންނާނެ ވާހަކައެއް ކަމަށާއި، އެ ވާހަކަ ބުނި ކަމަށް ހަދަން ފައިމުޑި ނެގިޔަސް އެކަމެއް ނުވާނެ ކަމަށެވެ.
މަމްދޫޙު ވިދާޅުވީ ބާރަށް މިއަދުވެސް ދައްކަންވީ، 2018 އިން 2023 އަށް އެމްޑީޕީން ޚަރަދުތައް ފަރުޖައްސާ ވައްކަން ކުރަން 8 ބިލިއަން ޗާޕު ކުރިވާހަކަ ކަމަށެވެ. އެއާއެކު، ދިވެހި ފައިސާ ނިކަމެތިވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމަށް ބާރުދެވި، ބޮޑުކުރި ޖީއެސްޓީއާއެކު، ތަކެތީގެ އަގުތައް އަރައިގެން ދިޔަ ވާހަކަ ދައްކަން ޖެހޭ ކަމަށް މަމްދޫޙު ވިދާޅުވިއެވެ.
މަމްދޫޙު ވިދާޅުވީ މި ސަރުކާރުން އަދި އަދަށްވެސް ފައިސާ ޗާޕު ނުކޮށް ޚަރަދުތައް ކުޑަކޮށް ޚަރަދުތައް ފޫބައްދަމުން އެމްޑީޕީން ނެގި ރިކޯޑު ލޯނުތައްވެސް ބަރާބަރަށް ދައްކަމުންދާ ވާހަކަވެސް ދައްކަން ޖެހޭ ކަމަށެވެ. އަފި ދިވެހި ފައިސާގެ އަގު ހަމަ ހިސާބަށް އަލުން ގެނައުމަށް، ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ނަގާފައިވާ ހަރުދަނާ ސްޓޭންޑްތަކުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށް މަމްދޫޙު ވިދާޅުވިއެވެ.
މަމްދޫޙު ވިދާޅުވީ އެމްޑީޕީގެ މުޅި މޫނުމަތީގެ އަގު ވެއްޓި، ސިޔާސީ ޕާޓީއެއްގެ އަސްލު ކުލަ ފަނޑުވަނީ، މި ކަހަލަ ދޮގުން ސިޔާސީ ބިންގާ އަޅަން އެމްޑީޕީގެ ބައެއް މެންބަރުން އުޅޭތީ ކަމަށެވެ.