ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 17 ބިދޭސީއަކު މާލޭ، ހީނާމާގޭ ޕާކިން ސަރަހައްދުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ އެ ސަރަހައްދަށް އަމާޒުކޮށް ޓާސްކުފޯހުން ހާއްސަ އޮޕަރޭޝަނެއް ހިންގީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ކަމަށް އަބަދުވެސް އާންމުންގެ ފަރާތުން ލިބޭ ކަންބޮޑުވުންތަކާ ގުޅިގެން ކަމަަށެވެ.
އެ އޮޕަރޭޝަނުގައި އެ ސަރަހައްދަށް އެއްވެ އުޅޭ ބިދޭސީންނާއި އެތަނުގައި ބިދޭސީން އިސްވެ ހިންގާ ފިހާރަތަކާއި ކެފޭ ކަހަލަ ތަންތަން ބަލައި ފާސްކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ސައްހަ ވިސާ ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ 17 ބިދޭސީއަކު އެ ސަރަހައްދުން ހިފެހެއްޓި ކަމަށް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް، މިދިޔަ އަހަރު އިމިގްރޭޝަނުން ފެށި ބޮޑު އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފަ އެވެ.