ވާދޫން ފިޔޯރީ ކޮޅަށް 11 ލަނޑު ޖަހައި ރެކޯޑް މޮޅެއް ހޯދައިފި

އުސްތާޛް މުޙައްމަދު ޢަލީ | 62 ދުވަސް ކުރިން - 09:35
ޚުލާސާ

11 ލަނޑު 1 ލަނޑުން ވާދޫ މޮޅުވިއިރު ރޭ ކުޅުނު އެ ގްރޫޕްގެ އަނެއް މެޗުގައި މަޑަވެލިން ތިނަދޫ ބަލިކުރީ 3-2 ގެ ނަތީޖާއިން.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ގދ. ވާދޫން ފިޔޯރީ 11-1 އިން ބަލިކޮށް، މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ބޮޑު މޮޅާއެކު ވަރުގަދަކޮށް ފަށައިފިއެވެ.

2023 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕް ވާދޫން މިފަހަރު ކުޅެނީ އަތޮޅުގެ ގްރޫޕް ބީގައެވެ. ގދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ވާދޫން ފުރަތަމަ މެޗުގައި ވެސް ތަފާތު ދައްކައި، ރެކޯޑް މޮޅެއް ހޯދައިފައިވެއެވެ.

އަހުމަދު ވިސާލް (އަންދު)ގެ ކޯޗުކަމުގައި ކުޅޭ ވާދޫގެ ގޯލުތަކަށް ބަލާއިރު، ނަޝާހު އަހުމަދު (ނައްޓު) ހެޓްރިކް ހެދިއެވެ. މުސައްނިފު މުހައްމަދު (މުއްސެ) 2 ގޯލު ޖެހިއިރު އަޔާޒް އަހުމަދު (އަޔާ) އާއި، މުހައްމަދު އިޔާދު އަލީ, އިބްރާހީމް ޝައުފް މުހައްމަދު, ޔަޒްދާން އިބްރާހީމް, އަބްދުﷲ އާހިލް އަލީ އަދި ޒައިން މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު 1 ގޯލު ޖެހިއެވެ.

ފިޔޯރީގެ ހަމައެކަނި ގޯލަކީ ވާދޫގެ އަޔާގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގދ. އަތޮޅުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި މަޑަވެލިން ވަނީ 3-2 އިން ތިނަދޫގެ މައްޗަށް ކުރިހޯދައިފައެވެ. މަޑަވެލީގެ ގޯލުތައް ޖެހީ މުހައްމަދު މުއާދު، އަހުމަދު ސިނޫ މަހުމޫދު އަދި އިބްރާހީމް އާލު އަހުމަދެވެ. ތިނަދޫގެ ގޯލުތައް ޖެހީ އިބްރާހީމް އަހުމަދު އާއި އަހުމަދު ޒައިދު މުހައްމަދު ނައީމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%