އެވަރްޓަންގެ މެނޭޖަރުކަމުން ޝޯން ޑައިޗް ވަކިކޮށްފިއެވެ.
ޕްރިމިއަރ ލީގުގެ 16 ވަނައިގައި އޮތް ޓީމުގެ މުނޭޖަރު ވަކިކުރިއިރު މިއީ ލީގުގެ 6 ވަނަ މެނޭޖަރު ވަޒީފާއިން ވަކިކުރި ވަކިކުރުމެވެ.
53 އަހަރުގެ ޝޯން ޑައިޗް އެވަރްޓަންގެ މެނޭޖަރުކަމާއި ހަވާލުވީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އޭރު ކުލަބު އޮތީ ރެލިގޭޝަން ޒޯނުގައެވެ. ނަމަވެސް އޭނާގެ މަސައްކަތުން އެ މޫސުމުގައި ކުލަބު ޕްރިމިއަރ ލީގުގައި ދެމިއޮތްކަން ފާހަގަ ކުރެވެއެވެ. އަދި 2023-24 ވަނަ އަހަރުގެ މޫސުމުގައި މާލީ ގަވާއިދުތަކާއި އެވަޓަން އިން ޚިލާފުވެގެން ޕޮއިންޓް އުނިކުރުމުން ވެސް އެ ކުލަބު 15 ވަނައަށް ގެނެސްދިނެވެ.
އެވަޓަންގެ ކޯޗުކަމުން ޝޯން ޑައިޗް ވަކިކުރީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެޓީމުން ދެއްކި ދަށް ކުޅުމުގެ ސަބަބުންނެވެ. މިވަގުތު ލީގުގެ 16 ވަނައިގައި ރެލިގޭޝަން ޒޯނުން އެންމެ ޕޮއިންޓެއް މަތީގައި އޮތްއިރު، 19 މެޗުން އެޓީމަށް ޖެހުނީ އެންމެ 15 ލަނޑެވެ. މުޅި ސީޒަނުގައި ލީގުގައި މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.