ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަމަށް އުއްމީދުކުރެއްވުމާއެކު ޔަޤީންވެސް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ސަބަބުން، ސަރުކާރުން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުން ތިބީ ވަރަށް ގިނަ އުއްމީދުތަކާއެކުގައި ކަމަށާއި، އެ އުއްމީދުތައް ހަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މާލޭގައި ހުރެ ސިޓީއަކުން ނުވަތަ ކޮންމެވެސް ރިކުއެސްޓެއްގެ ތެރެއިން އަންނަ ކަންކަމުގެ ތެރެއިން އެއްކަމަކީ ލަސްވުން. އަނެއްކަމަކީ ވަރަށް ގިނަ ފަހަރު ރައްޔިތުން ބޭނުންވާގޮތް ނުވެފައޮވޭ." ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ގިނަ އަހަރުތަކުގެ ތަޖުރިބާއަށް ބިނާކޮށް، ސީދާ ރައްޔިތުންނާ ބައްދަލުކޮށް ކަންކަން އޮޅުންފިލުވުމުން ކަންކަން ފަސޭހަވެގެންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ މިއަހަރާއި އަންނަ އަހަރަކީ އެމަނިކުފާނު ރާއްޖޭގެ ރަށްތަކަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށިގެންދާނެ ދެ އަހަރު ކަމަށެވެ. އަދި މި ވައުދުތައް ފުއްދަވާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވެސް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.