ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ، އެންމެ ބޮޑު އާމްދަނީއެއް ޖީޑީޕީގެ ނިސްބަތުން ހޯދެން އޮތީ މަސްވެރިކަމުގެ ސިނާޢަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ގއ. ދެއްވަދޫއަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަސްވެރިކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ވަރަށް ބޮޑު އިންޑަސްޓްރީއެއް ކަމަށާއި، އެހެންވެ ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި މަސްވެރިންގެ އުއްމީދުތަކާއި ގުޅޭ ގޮތުން ކަންކަން ފަހިކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެންމެ ފުރަތަމަ އެންމެ އިސްކަމެއްގެ ގޮތުގައި ދަންނަވާލާނީ އަޅުގަނޑުވީ ވަޢުދު ފުރިހަމަކުރުމަށް. އެ ގޮތުން މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ދަނީ ފައިސާ ދެމުން. ކުރިއަށް އޮތް ތަނުގައި މަސްވެރިންގެ ކަންބޮޑުވުންތައް އަދި މަސްވެރިންގެ ޚިޔާލާއި އެކު އަޅުގަނޑުމެން ދާނީ ފުރިހަމަ ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިކަން ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާ ކަމަށާއި، ބޭރުގެ އެހީތެރިކަން ހޯދައިގެންނާއި ސަރުކާރުގެ ބަޖެޓުގެ ތެރޭން ވެސް މަސްވެރި ސިނާއަތް ފުޅާކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މަސްވެރިކަމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ސިނާއަތެއްކަން ފާހަގަކުރައްވައި، ބޭރުގެ އެހެން ތަންތަނުގައި ހިނގާ ނުރައްކާތެރި ކަންކަމާއި ހާދިސާތަކާއި ސީދާ އެހާ ބޮޑަށް ގުޅިފައި ނެތް، އަޅުގަނޑުމެންނަށް ކުރިއެރުވެން އޮތް އަޅުގަނޑުމެންގެ ލޭނާރު ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ މަސްވެރި ދެއްވަދޫއިން އެމަނިކުފާނަށް ދެއްވި މަރުޙަބާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ.