ގއ. ދެއްވަދޫއަށް އާ އައިސްޕްލާންޓެއް ގެނެސްދެއްވާނެ ކަމަށާއި އެ ރަށުގެ ބަނދަރާއި ރަށްގިރުމާއި ކުނި ކޮށީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މިއަދު ދެއްވަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެއްވަދޫގައި ވަރަށް މުހިންމު ސަމާލުކަމެއް ދީގެން ހައްލުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ރަށްގިރުމުގެ ބޮޑު މައްސަލައާއި، ބަނދަރާއި ކުނި ކޮށީގެ މައްސަލަ އެކުއެކީގައި ހައްލުވާނެ ގޮތެއް ހޯދުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"މި އަހަރުގެ ބަޖެޓްގެ ތެރެއިން މިކަމަށް ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ. ކައުންސިލްގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ގުޅިގެން މި ތިން މައްސަލަ އެކުގައި ހައްލުވާނެ ވަށާޖެހޭ ހައްލަކަށް ވަޑައިގަތުމަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެއްވަދޫގެ ސިއްހީ މަރުކަޒުގައި އިތުރު ފެސިލިޓީތައް ގާއިމްކުރުމާއި، ސްކޫލަށް މަލްޓިޕާޕަސް ހޯލެއް ހަމަޖައްސައިދިނުމާއި، ވޮލީ ކޯޓެއް އެޅުމާއި، ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމައިދިނުމާއި، އައުޓްޑޯ ޖިމްގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، ސީ އެމްބިއުލެންސްގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިޓީ ހޮޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމުގެ ވައުދުވެސް ރައީސް ވެވަޑައިގެންނެވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިކަމަކީ ދެއްވަދޫގެ ގިނަ ރައްޔިތުން ޝާމިލްވާ ދާއިރާއެއް ކަމަށާއި، މަސްވެރިންނަށް ދިމިންނަށް ދިމާވެފައިވާ ދަތިތަކާއި އުންމީދުތައް ފުރިހަމަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ވެލެއްވި ވައުދު ފުއްދަވައި، މިހާރު ބަރާބަރަށް ފައިސާ ދެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސީދާ ރައްޔިތުންގެ ގާތަށް އައިސް ކަންކަން އޮޅުންފިލުވައި، ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން ކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.