މިއަހަރުގެ ބަޖެޓުގެ ތެރެއިން ގއ. ދެއްވަދޫގެ ބަނދަރާއި، ރަށްގިރުމުގެ މައްސަލައާއި، ކުނި މެނޭޖްކުރުމުގެ މައްސަލައަށް ވަށަޖެހޭ ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެއްވަދޫ ރައްޔިތުންނާއި ދެންމެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދެއްވަދޫގެ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ރަށުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، މިވަގުތު ދެއްވަދޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން ރަށުގެ ކައުންސިލުން ފާހަ ގަކުރައްވާފައި ވާތީ، ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެކަމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އެރަށުގެ ބިން ހިއްކައިގެން، އިތުރުކުރެވޭ ބިމުގައި ދާއިމީ ކުނި ކޮށްޓެއް ތަރައްޤީކުރުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ދެއްވަދޫގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް މުހިއްމު ކަންތައްތަކެއް ކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްޙީ މަރުކަޒުގައި އިތުރު ވަސީލަތްތައް ޤާއިމުކުރުމާއި، ކުޑަކުދިންގެ ޑޮކްޓަރެއް ހޯދުމާއި އެކްސްރޭ ޚިދުމަތް ފޯރުކޮށްދިނުން ފަދަ ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ދެއްވަދޫ އަތޮޅުގެ އެހެން ރަށްތަކާއި ދުރުގައި އޮންނާތީ، ސިއްޙީ ކުއްލި ޙާލަތްތަކުގައި ސީ-އެމްބިއުލާންސްގެ ދަތިކަން ކުރިމަތިވާތީ، ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި މި ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދެއްވަދޫގައި ވެސް ސީ -އެމްބިއުލާންސްގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.