ލޯކަލް ކައުންސިލްތަކުގެ ޚަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައު ހުށަހެޅުމެއް ހުށަހަޅުއްވައިފިއެވެ. މި ހުށަހެޅުއްވުން ހުށަހެޅުއްވީ ރޭ ގދ. ފިޔޯރީގައި ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ..
ރައީސް ހުށަހެޅުއްވި ގޮތުގައި، ކައުންސިލްތަކުގެ ފުލްޓައިމް މަޤާމުތަކަކީ ހަމައެކަނި ރައީސްއާއި ނައިބު ރައީސްކަމުގައި ހަދައި، އެހެން މެންބަރުންނަށް ބައްދަލުވުންތަކަށް ހާޒިރުވާ މިންވަރަކުން އެލަވަންސް ދިނުމެވެ. މިގޮތަށް ހެދުމުން ކައުންސިލްތަކުގެ ޚަރަދު ކުޑަކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިގޮތަށް ހެދުމުން ކައުންސިލްތަކުގެ ޚަރަދު ކުޑަކުރެވި، އެ ފައިސާ ރަށްރަށުގެ ތަރައްޤީއަށް ބޭނުންކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ޢަމަލު ކުރަމުންދާ ގޮތެކެވެ. އަދި މި އުސޫލު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކާއި ސިޓީ ކައުންސިލް ތަކަށްވެސް ތަޠްބީޤު ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިން ރައީސް ހުށަހަޅުއްވާފައިވާ ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ޚިޔާލާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން މި އައު ހުށަހެޅުން ހުށަހަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެދިވަޑައިގެންނެވީ މި ހުށަހެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހިއްސާ ކުރުމަށެވެ. "މިއީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ނިންމަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.