ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗެއްގައި ލިވަޕޫލާ 2-2 އިން އެއްވަރުވުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ދެރަވެފައިވާ ކަމަށް ބުނެފިއެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ. ނަމަވެސް ލިވަޕޫލުން ދެ ލަނޑު ޖަހައި ލީޑު ނެގުމަށްފަހު، ޑިއާލޯ ވަނި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗަށްފަހު އަމޮރިމް ބުނީ ކުޅުންތެރިން ދެއްކި ކުޅުމާމެދު އޭނާ ފިޔަވައި އެހެން އެންމެން ހިތްހަމަޖެހޭ ކަމަށެވެ. އަދި ޓީމުގެ މަސައްކަތާމެދު ހިތްހަމަނުޖެހުނީ އޭނާ އެކަނި ކަމަށް ވެސް ބުންޏެވެ.
"އަހަރެމެން މިހުރީ މިއަދު ދެރަވެފައި. ހަމަ ހަގީގަތުގައި ވެސް ދެރަވެފައި. ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ. އެކަމަކު އެންމެން ވެސް މިރޭ ބުނާނެ ޓީމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރިއޭ. އަހަރެން އެކަނި ޓީމުގެ މަސައްކަތާއި މެދު ހިތްހަމަނުޖެހުނީ،" އަމޮރިމް ބުންޏެވެ.
މި މެޗާއި ހަމައަށް ވިދިވިދިގެން ހަތަރު މެޗުން ބަލިވެފައިވާ ޔުނައިޓެޑަށް މި އެއްވަރުވުމަކީ ކުރިއެރުމެކެވެ. ނަމަވެސް މިހާރު އެ ޓީމް އޮތީ ލީގުގެ 13 ވަނައިގައެވެ. އަދި ލިވަޕޫލް މިހާރު ވަނީ ލީގުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑަކާ އެކުގައެވެ.