ފަސްއަޅައި ނިމިގެންނޫނީ، ގުޅީގެ ބިންހިއްކުމުގެ މަޝްރޫޢު ނުހުއްޓޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 91 ދުވަސް ކުރިން - 19:29
ރައީސް ގުޅީ ރައްޔިތުންނާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ގުޅީ ރައްޔިތުންނާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބަނދަރުގެ ޖާގައިގެ މައްސަލައަށް ޙައްލު ހޯދުމަށް، އިތުރު ބަނދަރެއް ތަރައްޤީ ކުރުމާއި މިހާރު އޮތް ބަނދަރު ބޮޑުކުރުމާއި ދޭތެރޭ ގޮތެއް ނިންމާނީ ރަށު ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަޝްވަރާއާއެކު ކަމަށް ރައީސް ވިދާޅުވި.

މާލެ އަތޮޅު ގުޅީގެ ބިންހިއްކުމުގެ މަޝްރޫޢު ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ ނުހުއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައިވަނީ މިހާރު ގުޅިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީ ސަރުކާރުން ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެކަމަށް އެކަށީގެންވާ ބަޖެޓެއް ފަހިކޮށްދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، މިހާރު އެމް.ޓީ.ސީ.ސީގެ ޓީމު ގުޅީގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، މި މަސައްކަތް ކުރިއަށްގެންދަވާނީ ކައުންސިލުން ބައްޓަން ކޮށްފައިވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބަނދަރުގެ ޖާގައިގެ މައްސަލައަށް ޙައްލު ހޯދުމަށް، އިތުރު ބަނދަރެއް ތަރައްޤީކުރުމާއި މިހާރު އޮތް ބަނދަރު ބޮޑުކުރުމާ ދޭތެރޭ ގޮތެއް ނިންމާނީ ރަށު ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަޝްވަރާއާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނެރުފައިކަށީގެ މައްސަލައަށް ވެސް ފަންނީ ލަފާ ހޯއްދަވައިގެން ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައާއި ގުޅޭގޮތުން، އެޓަރނީ ޖެނެރަލާއި ފަތުރުވެރިކަމުގެ ވުޒާރާ އަދި ރަށު ކައުންސިލުން ދިރާސާކޮށް، ރަށަށް އެންމެ ފައިދާވާނެ ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ތަޢުލީމީ އަދި ސިއްޙީ ދާއިރާގެ ތަރައްޤީއަށާއި، މިސްކިތުގެ ޖާގައިގެ ދަތިކަމާއި ކުނި މެނޭޖުކުރުމުގެ މައްސަލަތަކަށް ޙައްލު ހޯދައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%