ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި އިޢުލާން ކުރެވޭނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މާލެ އަތޮޅު ގުޅިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހައްދަވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މި ހިނގާ ޖެނުއަރީމަހުގެ ތެރޭގައި އިޢުލާން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާފައި މިހިރަ، އަޅުގަނޑު ވަޢުދުވެފަ ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރަށްރަށުގަ ކުރިއަށް ގެންދިއުމަށް ކެންޕޭންތެރޭގަ މެނިފެސްޓޯގަ ކަނޑައަޅާފައިހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަދޭނެ ފަރާތްތައް ހޯދުމަށް، ޢަމަލީ ގޮތުން މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް އަޅުގަނޑުމެން އެބަ އިޢުލާންކުރަން، މި ޖެނުއަރީ މަސް ތެރޭގަ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރަކީ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރުކަމަށާއި، ބިން ހިއްކައި ބިމުގެ ޖާގަ ބޮޑުކުރުމަށް ހަމަޖެހިފައިވާ ހުރިހާ ރަށެއްގައި އެމަސައްކަތްތައް ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ގުޅީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށާއި، ބަނދަރުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ގުޅީ ސްކޫލުގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢު އަލުން ފަށައި ބާރު ސްޕީޑުގައި ނިންމާލެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މިދަތުރުފުޅުގައި ގުޅީގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި، ގުޅީގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ. މިދަތުރުފުޅުގައި ގުޅީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ފައްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.