ރައީސް ގުޅީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 91 ދުވަސް ކުރިން - 18:41
ރައީސް ގުޅީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ގުޅީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގުޅީގައި އައު ކައުންސިލް އިދާރާއެއް ޤާއިމު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހަވީރު މާލެއަތޮޅު ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ގުޅީ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ރަށުގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި އައު ކައުންސިލް އިދާރާއެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާތީ، އެކަމަށްޓަކައި ކައުންސިލުން ވަނީ ޝުކުރު ވެސް އަދާކުރައްވާފައިވެއެވެ.

ގުޅީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ގުޅިއަކީ ފަތުރުވެރިކަމުގެ ވިޔަފާރީގައި ކުރިއަރާފައިވާ ރަށަކަށްވެފައި، ބަނދަރުގެ ޖާގައިގެ ދަތިކަންވެސް ފާހަގަކުރައްވާފައިވެއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒުގެ މުވައްޒަފުން މަދުކަމާއި ލެބޯޓަރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވެސް ވަނީ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ގުޅީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމަކީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%