ޗައިނާގައި ފެތުރެމުންދަނީ މޫސުމީ ރޯގާއެއް, އެމެޖެންސީ ހާލަތެއް އިޢުލާނުކޮށްފައެއް ނުވޭ: އެޗްޕީއޭ

އާނާ ފަހީމް | 84 ދުވަސް ކުރިން - 16:01
ކޮވިޑް ދުވަސްވަރު ތެރެއިން/ ފޮޓޯ؛ ސޯޝަލް މީޑީއާ
ކޮވިޑް ދުވަސްވަރު ތެރެއިން/ ފޮޓޯ؛ ސޯޝަލް މީޑީއާ
ޚުލާސާ

ޗައިނާގައި ފެތުރެމުންދާ ނޭވާލާ ނިޒާމުގެ ބަލިތަކަކީ މޫސުމީ ރޯގާއެއްކަމަށާއި، އެކަމާއި ގުޅިގެން އެމެޖެންސީ ހާލަތެއް އިޢުލާނުކޮށްފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި.

ޗައިނާގައި މިހާރު ފެތުރެމުންދަނީ މޫސުމީ ރޯގާއެއް ކަމަށާއި، އެކަމާއި ގުޅިގެން އެ ޤައުމުގައި އެމެޖެންސީ ހާލަތެއް އިޢުލާނުކޮށްފައި ނުވާ ކަމަށްހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އެޗްޕީއޭ އިން މިފަދައިން ބުނެފައިވަނީ، މިދުވަސްވަރު ޗައިނާގައި ނޭވާލާ ނިޒާމުގެ ބަލިތައް އާދަޔާ ޚިލާފަށް އިތުރުވެ، އިމަރޖެންސީ ހާލަތު އިޢުލާނުކޮށްފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތަކާއި ގުޅިގެންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ މެދުވެރިކޮށް ޗައިނާގެ ބަލިތަކާއި ބެހޭ އިދާރާ، ސީ.ޑީ.ސީ އާ ހަވާލާދީ އެޗްޕީއޭ އިން ބުނެފައިވަނީ، ޗައިނާގެ އެކި ހިސާބުތަކުގައި ނޮވެމްބަރ މަހުގެ 2 ވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދުކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ، ފިނިމޫސުމާއި ދިމާކޮށް އާންމުގޮތެއްގައި ވެސް ޗައިނާ ހިމެނޭހެން އެހެން ޤައުމުތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށެވެ. މި ދުވަސްވަރު އެންމެ ގިނައިން ޗައިނާއިން ފެންނަމުންދަނީ އިންފްލުއެންޒާ ކަމަށާއި، މީގެ އިތުރުން ނޭވާލާ ނިޒާމުގެ އެހެން ބަލިތައްވެސް ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާ ހަވާލާދީ އެޗްޕީއޭ އިން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު އުމްރާއާއި އެހެން ދަތުރުތަކުން ރާއްޖެ އަންނަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށް، ނޭވާލާ ނިޒާމުގެ ބަލިތައް މި ދުވަސްވަރު ރާއްޖޭގައި ވެސް އިތުރުވެދާނެކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އެހެންކަމުން، ނޭވާލާ ނިޒާމުގެ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެންނަ ނަމަ ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.

އެގޮތުން ހުމާއި ރޯގާ އަދި ކެއްސުން ފަދަ ކަމެއް މެދުވެރިވާނަމަ، ޑޮކްޓަރުންގެ އެހީތެރިކަން ހޯދުމަށް އެޗްޕީއޭ އިން އިރުޝާދުދީފައި ވެއެވެ. މީގެ އިތުރުން، ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާޢީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން ފަދަ ފަރާތްތަކަށް މިފަދަ އެއްވެސް އަލާމާތެއް ކުރިމމާތެއް ކުރިމަތިވާނަމަ ސިއްހީ އެހީތެރިކަން ހޯދުމަށް ވެސް އެޗްޕީއޭ އިން އިރުޝާދު ދީފައިވެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ، ޗައިނާގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%