ރޭ ޕްރިމިއާ ލީގުގައި އާސެނަލް އާއި ޗެލްސީ ކުޅުނު މެޗުތައް 1-1 އިން އެއްވަރުވިއިރު، މެންޗެސްޓާ ސިޓީން ވެސްޓްހަމް ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެ، ގަދަ ޓީމުތަކާއި ގާތަށް ޖެހިލި އެވެ.
1-1 އިން އެއްވަރުވި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޗެލްސީ ކުޅުނުއިރު، ކޯލް ޕާމާ ވަނީ ޗެލްސީއަށް ކުރީކޮޅު (14 ވަނަ މިނެޓުގައި) ލީޑު ނަގައިދީފައެވެ. ނަމަވެސް 82 ވަނަ މިނެޓުގައި ޕެލަސްއިން ނަތީޖާ ހަމަހަމަކުރީ އެބެރެޗީ އެޒޭގެ އެސިސްޓަކުން ޖީން-ފިލިޕޭ މެޓާޓާ އެވެ. މިއީ ލީގުގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެލްސީ އެއްވަރުވި މެޗެވެ.
ބްރައިޓަންއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ފުރަތަމަ ހާފުގައި އުމުރުން 17 އަހަރުގެ އީތަން ންވާނޭރީ ލަނޑު ޖަހައިދިން ނަމަވެސް ދެވަނަ ހާފުގައި ބްރައިޓަންއިން ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯއާއޯ ޕެޑްރޯ ފައުލް ކުރުމުން ލިބުނު ޕެނަލްޓީ ގޯލަށް ބަދަލުކޮށްލުމުންނެވެ. 20 މެޗުން 40 ޕޮއިންޓާ އެކު އާސެނަލް ދެ ވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތް ލިވަޕޫލް އަށް ވުރެ ފަހަތުގައި އޮތީ ދެ މެޗު ބާކީ އޮއްވާ 45 ޕޮއިންޓާ އެކު އެވެ.
ކުޅުން ރަނގަޅުވަމުން އަންނަ މެންޗެސްޓާ ސިޓީން ރޭ ހާލަންޑް ދެ ލަނޑު ޖެހިއިރު، ދެން ގޯލް ޖެހީ ފިލް ފޯޑެން އެވެ. އަނެއް ގޯލަކީ ވެސްޓްހަމްގެ ވްލަޑިމިއާ ކުފާލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއާއެކު ޖެހިޖެހިގެން ދެ މޮޅާއެކު ސިޓީ ވަނީ 34 ޕޮއިންޓާއެކު ހަ ވަނަ އަށް ޖެހިލާފައެވެ.
އެހެން މެޗުތަކަށް ބަލާއިރު، ނިއު އިން ޓޮޓެންހަމް އަތުން 2-1 އިން މޮޅުވިއިރު، ބްރެންޓްފޯޑް ވަނީ ސައުތެމްޓަން 5-0 އިން ބަލިކޮށްފައެވެ. އެސްޓަން ވިލާ ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ، ބޯންމައުތު ވަނީ އެވަޓަން އަތުން 1-0 އިން ހަނި ގޮތަކަށް މޮޅުވެފަ އެވެ.
ސަމިޓުގައި ލިވަޕޫލުން ފަސް ޕޮއިންޓުގެ ލީޑެއް ދަމަހައްޓާއިރު، ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ ރޭސް އަދިވެސް އޮތީ ވަރުގަދަ ގޮތަކަށެވެ.