ދުނިޔެ ހޫނުވާ ވަރަކަށް ފެންބޮޑުވުމުގެ ޙާދިސާތައް ތަކުރާރުވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި ނުހަނު ބޮޑަށް ފެން ބޮޑުވި ކަމަށާއި، ދުނިޔެ ހޫނުވާ ވަރަކަށް މިފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، 30،000 ޓަނަށްވުރެ ގިނަ ފެން ސިފައިން ނުކުމެ ވަނީ ހިންދާފައެވެ.
ނަޝީދު ވިދާޅުވީ، ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ބޭނުންވާ އެކަށީގެންވާ ފަންޑު ލިބޭނެކަމަށް އުއްމީދު ކުރެވެން ނެތްކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގައި ރާއްޖޭގެ ބައިވެރިވުމެއް ނެތްކަމުގައި ވީނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި، ފެންބޮޑުވުން ފަދަ ޙާދިސާތައް ރާއްޖެއިން ވެސް ތަހައްމަލު ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އިސްތިޝާރީ ލަފަޔަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.