ރާއްޖޭގެ ވެރިކަން ވައްޓާލަން އިންޑިއާއިން ފައިސާ ނުދޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ

އާނާ ފަހީމް | 72 ދުވަސް ކުރިން - 09:26
ކުރީގެ ރައީސް ނަޝީދު އަދި މިހާރުގެ ރައީސް މުޢިއްޒު. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރީގެ ރައީސް ނަޝީދު އަދި މިހާރުގެ ރައީސް މުޢިއްޒު. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

އިންޑިއާއިން އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް އެއްބާރުލުންދޭ ކަމަށާއި އެ ޤައުމުން ދުވަހަކު ވެސް ރާއްޖެއިން ކަންކުރަންވީ ގޮތް އަންގާފައިވެސް ނުވާކަމަށް ނަޝީދު ވިދާޅުވި.

ރާއްޖޭގެ ވެރިކަން ވައްޓާލަން އިންޑިއާއިން ފައިސާ ނުދޭނެ ކަމަށާއި، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް އެއްބާރުލުން ދޭ ޤައުމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ވާހަކަފުޅު ނަޝީދު ޙިއްސާކޮށްފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެންނެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު އެމްޑީޕީން 6 މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ހޯދަން އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ އެހީތެރިކަމަށް އެދުނު ކަމަށެވެ.

ނަމަވެސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ރޭވުމެއްގެ މަޢުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ އިންޑިއާއިން ދުވަހަކުވެސް ރާއްޖެއިން ކަންކުރަންވީ ގޮތް އަންގާފައި ނުވާ ކަމަށެވެ.

"އިންޑިއާއިން އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް އެއްބާރުލުންދޭ. އިންޑިއާއިން ދުވަހަކު ވެސް ރާއްޖެއިން ކަންކުރަންވީ ގޮތް އަންގާފައެއް ވެސް ނުވޭ." ނަޝީދު ވިދާޅުވިއެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ނަމުގައި ތައްޔާރުކުރި ކަރުދާހެއްގައި ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށާއި، ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިސަރަކަށް އަދި ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް ރާވާފައިވާ ކަމަށެވެ. މިކަމުގެ މަޤްޞަދަކީ ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުން ނަގައި ފާސްކުރުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް ނަޝީދު މި ވާހަކަތަކަށް ރައްދު ދެއްވާފައިވަނީ އިންޑިއާގެ ދިފާޢުގައި ވާހަކަފުޅު ދައްކަވައި، އިންޑިއާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އެއްބާރުލުންދޭ ޤައުމެއްކަން ތަކުރާރުކުރައްވަމުންނެވެ. އަދި ބައެއް މީހުން އަބަދުވެސް މަސައްކަތްކުރަނީ ދެކޮޅުވެރިކަމުގެ ރޭވުންތައް ރާވައި އެކަންކަން ޙާސިލުކުރެވޭތޯ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%