ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދުވާ ސަބަބުތައް ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން، އިއްޒައްދީން ވިދާޅުވީ ރާއްޖޭގައި ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވި ނަމަވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދުކަމަށެވެ. އަދި މުދަލު ޒަކާތް ނުދައްކާ ސީދާ ސަބަބުތައް އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށާއި، އެ ސަބަބުތައް ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެންނަކީ މުއްސަނދިންނެއް ނޫން. އެންމެންނަކީ ތަނަވަސްކަމެއް، އެހެންމީހުންނަށް އެހީތެރިވެވޭނެ ބައެއް ނޫން. ފުދުންތެރި މުހުތާދުވެރިން ތިބޭނެކަން ދަންނަންޖެހޭ. އެހެންވީމަ އެމީހުންނަށް އެ ލިބިދޭންޖެހޭ ޙައްގެއް ގޮތުގައި އަދި އިސްލާމް ދީނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ، މުދަލުގެ މިލްކުވެރިފަރާތަކީ އެކަލާންގެކަން. އެ ޙައްގު އަދާނުކުރާކަން. އެހެންވީމަ ދީނީގޮތުން މީހުންނަށް މިއީ ކިހާވަރެއްގެ ކަމެއްކަން ނޭނގުން މިއީ އެންމެ ބޮޑު އެއް ކަންތައް ކަންނޭގެ" އިއްޒައްދީން ވިދާޅުވިއެވެ.
މީގެއިތުރުން އިއްޒައްދީން ވިދާޅުވީ މުދަލު ޒަކާތް ދައްކާ ނިސްބަތް މަދުވާ ސަބަބުތައް ދިރާސާއެއްގެ އަލީގައި ދެނެގަނެވިފައި ނެތްކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ޒަކާތު ހައުސްއިން ހިންގި އެކި ހަރަކާތްތަކުގެ ތެރެއިން ބައެއް ސަބަބުތައް ދެނެގަނެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، މުދަލު ޒަކާތަކީ އިސްލާމް ދީނުގައި ކިހާ މުހިންމުކަމެއްކަމާމެދު އާންމުން ހޭލުންތެރިވެފައި ނެތުމަކީ މައިގަނޑު ސަބަބެއް ކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.
ޢިއްޒައްދީން ވިދާޅުވީ ބައެއް މީހުން މުދަލުގެ ޒަކާތް ދެއްކުމުން އަތުގައި ހުންނަ މުދާ މަދުވާނެ ކަމަށް ދެކޭ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް މުސްލިމް ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ވެސް މުދަލުގެ ޒަކާތް ދައްކާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި މުދާ އިތުރުވަމުންދާކަން ސާބިތުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ ފަރާތުން ޒަކާތުގެ އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމުތައް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް ވެސް އިއްޒައްދީން ފާހަގަކުރެއްވިއެވެ.