ކަސްޓަމްސްއަށް ނޭނގި ބޮންޑެޑް ވެއަރހައުސެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ބަލަނީ

އައިޝަތު ރުވާ ރިފްޢަތު | 22 ގަޑިއިރު ކުރިން - 20:54
ފޮޓޯ: އެމްއޭސީއެލް
ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ނެރެގެން އުޅެ މުދާ ހުރީ މީހެއްގެ ގެއެއްގައި ހުރި ބޮންޑެޑް ވެއާހައުސްގައި. ޒަމާނުއްސުރެ މީހުންގެ ގެތަކުގައި ބޮންޑެޑް ވެއާހައުސްތައް ހުރޭ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ބޮންޑެޑް ވެއަރހައުސެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ބަލަން ފަށައިފިއެވެ. މި މައްސަލައަކީ ބޮންޑެޑް ވެއަރހައުސްއެއްގައި ބަހައްޓާފައި ހުރި ސިނގިރޭޓުތަކެއް ގެއްލިފައިވާ މައްސަލައެކެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސްއިން ބަލަމުދާކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޒަމާނުއްސުރެ ބޮންޑެޑް ވެއަރހައުސްތައް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓުތަކުގައި ހިންގަމުން އަންނަ ކަމަށާއި، އެފަދަ ތަންތަނުގައި ދެތަޅު ހަރުކޮށް ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްއިން ކަމަށެވެ. މުދާ ގެއްލުނު ބޮންޑެޑް ވެއަރހައުސްއަކީ ވެސް ގެއެއްގައި ހަދާފައި ހުރި ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ އެ ވެއަރހައުސްއަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތަނެއްނަމަވެސް، އެތަނުގެ ވެރިފަރާތުން ވެއަރހައުސް ހިންގިތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އެ މަޢުލޫމާތު ލިބުމުން، އެކަން ޔަގީންކޮށް ތަނުގެ ވެރިފަރާތަށް އެތަނުގައި ހުރިކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެކަން ހިނގި ގޮތް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަސްޓަމްސްއިން ތަޙްޤީޤުކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން އިތުރަށް ފާހަގަކުރެއްވީ ގެތަކުގައި ބޮންޑެޑް ވެއަރހައުސް ހިންގުމަކީ ސަލާމަތީގޮތުން އަދި ކޮންޓްރޯލް ކުރުމަށް،ވެސް އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި، ސަރުކާރުން އެކަން ބަދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން، ބޮންޑެޑް ވެއަރހައުސް ހިންގޭނީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދެއްގައި ކަމަށް ކަނޑައަޅުއްވާފައިވާކަން ދާޚިލީ ވަޒީރު ފާހަގަކުރެއްވިއެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%