ސިއްޙީ ވުޒާރާއާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ތުއްތު ކުދިންގެ ޞިއްޙަތާބެހޭ މަޢުލޫމާތު އެއްތަނަކުން ލިބޭނެ "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" (މިހިސް) ޕޯޓަލް މިއަދު ތަޢާރަފުކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމެވެ.
މިހިސް ޕަބްލިކް ޕޯޓަލުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ކޮންމެ ކުއްޖެއްގެ ވެކްސިން މަޢުލޫމާތާއި، ދެވޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މަޢުލޫމާތުގެ އިތުރުން ހެދިބޮޑުވުމުގެ ޗާޓުގެ މަޢުލޫމާތު ލިބެން ހުންނާނެއެވެ. އަދި، ކުއްޖާއަށް ވެކްސިން ޖަހަންޖެހޭ ދުވަސް ކައިރިވުމުން ބެލެނިވެރިޔާއަށް އެސްއެމްއެސްއަކުން އަންގާނެއެވެ.
ސިއްޙީ ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ކުދި އާބާދީތަކަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ ސިއްޙީ ދާއިރާގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ޕްލޭން އަންނަ އަހަރުގެ މެދުތެރޭގައި ތަންފީޛުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ޑރ. ޕަދްމަލް ޑިސިލްވާ ވިދާޅުވީ މި ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް އަމިއްލަ ސިއްޙަތާ ގުޅޭ މަޢުލޫމާތު ލިބި، އަމިއްލަ ސިއްޙީ ޙާލަތު ރަނގަޅުކުރުމަށް ބާރު ލިބިގެންދާނެ ކަމަށެވެ.
ސިއްޙީ ވުޒާރާއިން ވަނީ މިހިސް ޕަބްލިކް ޕޯޓަލް އިތުރަށް ތަރައްޤީކުރުމަށް ނިންމާފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި މާބަނޑު މީހުންގެ ސިއްޙީ މަޢުލޫމާތާއި ކޮންމެ ރައްޔިތެއްގެ ސިއްޙީ މަޢުލޫމާތު މި ޕޯޓަލްގައި ހިމެނޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.