އެމްޑީޕީ ސަރުކާރުން ގޯތި ދޫކޮށްފައިވަނީ ބޭއިންސާފުން: ރައީސް ނަޝީދު

އާނާ ފަހީމް | 79 ދުވަސް ކުރިން - 15:40
ޚުލާސާ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކޮށްފައިވަނީ ބޭއިންސާފުން ކަމަށާއި، މިހާރު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާއެކު މި މައްސަލަ ހައްލުވާނެކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކޮށްފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭގޮތަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއެކު މައްސަލަތައް ހައްލުކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުން އެކުލަވާލައި އާންމުކުރި ގޯތީގެ ލިސްޓު އޮތީ ބޭއިންސާފުން ގިނަ ބަޔަކަށް ގޯތި ލިބޭގޮތަށް ކަމަށެވެ. އަދި ދާދި ފަހުން ބިންވެރިޔާ ސްކީމުގައި ޝަރުތުހަމަނުވާ ބައެއް މީހުންނަށް ގޯތި ލިބުނުކަމަށް ބުނާ ލިޔެކިޔުން އާންމުވި މައްސަލައަކީ ވެސް ބޭއިންސާފަށް އިތުރުވި ބޮޅެއްކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވަނީ، މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ ކުރީގެ މައްސަލަތަކާއި ޚިލާފު ގޮތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެޗްޑީސީގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ވަޒީފާއިން ވަކިކުރެވިފައިވާކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މި މައްސަލައިގެ ތަޙުޤީޤު އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާނެކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އެޗްޑީސީގެ އައު މެނޭޖިންގ ޑިރެކްޓަރު، ކުންފުނީގެ ކަންކަން އިޞްލާޙުކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިގޮތަށް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ގޯތިތައް ދޫކުރި ފަރާތްތަކާއި ގުޅިގެން ފެންމަތިވި މައްސަލައިގައި ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު އަދި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%