ފުވައްމުލައް ރޮއްވާލައި އަލިފުށި ސެމީއަށް

ހުސައިން އިސްމާއިލް | 2 ގަޑިއިރު ކުރިން - 19:34
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

2-2 އިން އެއްވަރުވެގެން ޕެނަލްޓީ ޝޫޓްގައި ފުވައްމުލަކުގެ ބިދޭސީ ކުޅުންތެރިޔާ ޖެހި ޕެނަލްޓީ އަލިފުށީ ކީޕަރު މަތަކުރި. ސެމީއަށް ދިޔަ އަލިފުށި ކުޅެން ޖެހޭނީ މާފުށްޓާއި އައްޑޫ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާއި.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިއަދު ރ. އަލިފުށިން ފުވައްމުލަކު ސިޓީ ޕެނަލްޓީ ޖަހައިގެން 6-5 އިން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އަކީ 2-2 އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ އަލިފުށީގެ ހުސެއިން ނިހާން (ނިހާޓް) އެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވަނީސް ފުވައްމުލަކުގެ ހުސެއިން ޝަރީފް ވަނީ އަލިފުށީ ގޯލު ފޫއަޅުވާލައި ނަތީޖާ ހަމަހަމަކޮށްފައެވެ

މިއާއެކު ފުވައްމުލައް ޓީމުން ކުޅުން ވަރުގަދަކޮށް މެޗުގެ ފޯރި އިތުރަށް ގަދަކުރިއެވެ. ނަތީޖާއެއްގެ ގޮތުން ފުވައްމުލަކުގެ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ އެޓީމުގެ މިޑްފިލްޑަރު އަހުމަދު މަހުމޫދު ފައްތާހު ގޯލެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދިނެވެ. މިއީ ހިލޭޖެހުމަކުން ކްރޮސްވި ބޯޅަ ނިހާޓްގެ ބޮލުގައި ޖެހިފައި އައުމުން ލިބުނު މަހުމޫފު ފައްތާހަށް ލިބުނު ބޯޅައެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ފުވައްމުލަކުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އަލިފުށިން އެއްވަރުކުރީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުންނެވެ. މި ބޯޅަ އަހުމަދު ސަމީޒް ފޮނުވާލީ ގޯލުގެ މަތީ ދާގަނޑަށެވެ. ފުވައްމުލަކުގެ ކީޕަރަށް އެ ބޯޅަ ހުއްޓުވޭނެ ހަމަ އެއްގޮތެއްވެސް ނެހެދުނެވެ.


ޕެނަލްޓީ ޝޫޓްއައުޓްގައި އަލިފުށީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ސަލާމް، މުހައްމަދު ރަޝީދު (ހޮކޭ)، ނިހާޓް އަދި އަހުމަދު ހުސާމް (ހުސާންކޮ) އެވެ. ފުވައްމުލަކުގެ ޕެނަލްޓީ ވައްދާނުލެވުނީ އެޓީމަށް ލީޑު ނަގައިދިން ބިދޭސީ ކުޅުންތެރިޔާ މަހުމޫދު ފައްތާހަށެވެ. އޭނާ ޖެހި ޕެނަލްޓީ އަލިފުށީ ކީޕަރު ދާދު ވަނީ ދިފާޢު ކޮށްފައެވެ.

މިއާއެކު ފުވައްމުލައް ކަޓައިގެން ދިޔައިރު، ސެމީ ފައިނަލްގައި އަލިފުށިން ކުޅޭނީ ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި ކ. މާފުށްޓާއި އައްޑޫ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާ އެކުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%