ކޮރަޕްޝަނަށް އެއްވެސް ފުރުޞަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުދެއްވާނެކަން އެމަނިކުފާނުގެ ނިންމެވުންތަކުން ސާފުވާކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައި މިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ޙައްޤަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސް މުޢިއްޒަށް އެނގިވަޑައިގެން ހިނގިޔަ ނުދެއްވާނެ ކަމަށާއި އެ ޔަޤީންކަން މިނިސްޓަރަށް އެބަ އޮންނެވި ކަމަށެވެ.
ރާއްޖެއިން ކޮރަޕްޝަން މަދުކުރެވޭނީ ކޮރަޕްޝަނަށް މަގުފަހިވާ ކޮންމެ ކަމަކަށް ހުރިހާ މުއައްސަސާތަކުންނާއި އާންމު ރައްޔިތުންވެސް ނޫނެކޭ ބުނެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ހިތްވަރު އެންމެންގެވެސް ހުންނަންވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގައި އެޗްޑީސީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެފައި ވަނިކޮށް، ފުލުހުން މިހާރު ކުރަމުންދާ ތަޙުޤީޤާއި ގުޅިގެން އެ ކުންފުނީގެ ޗެއާމަން ފިޔަވައި، މެނޭޖިންގ ޑިރެކްޓަރ ހިމެނޭހެން އެޗްޑީސީގެ ބޯޑު އެއްކޮށް ވަނީ ސަސްޕެންޑުކޮށްފައެވެ.
ފުލުހުން ޖިނާއީ ތަޙުޤީޤެއް ފަށާފައިވާއިރު، ރޭ ފަޒުލް ވިދާޅުވީ ފުލުހުންގެ ތަޙުޤީޤަށް އެޗްޑީސީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެއްވެސް މީހަކަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.