ޖިނާއީ މައްސަލަތަކުގައި ބޭރުގެ އެހީ ހޯދާ ބިލު ރައީސް ތަސްދީޤް ކުރައްވައިފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 18:04
ފޮޓޯ؛ ރައީސް އޮފީސް
ފޮޓޯ؛ ރައީސް އޮފީސް
ޚުލާސާ

އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ހުއްޓުވުމަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އިޖުރާއަތުތައް ކަނޑައެޅުމަށް ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި.

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ 23 ޖުލައި 2024 ގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ޤައުމުތަކާއެކު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމެވެ.

މި އިޞްލާޙުގައި، އިލެކްޓްރޯނިކް ހެކި ހޯދުމާއި، ކޮމްޕިއުޓަރ ސިސްޓަމްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާރވްކުރުމާއި، ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް އެހީތެރިކަން ބަދަލުކުރުން ފަދަ މުހިންމު ކަންކަން ހިމެނިފައިވެއެވެ. މީގެ އިތުރުން، ކޮމްޕިއުޓަރ ޑޭޓާއާ ގުޅޭ ކުށްތަކާއި އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭފަދަ ކުށްތަކާ ގުޅިގެން ހިންގޭ ޖިނާއީ ތަޙްޤީޤުތަކާއި ޝަރީޢަތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމުގެ އުސޫލުތައްވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

މި އިޞްލާޙު ގެނައުމުން، ޖިނާއީ މައްސަލަތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޚާއްޞަކޮށް އިލެކްޓްރޯނިކް ހެކި ހިމެނޭ މައްސަލަތަކުގައި ޤާނޫނު ތަންފީޛުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%