ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަޙުޤީޤުކުރުމާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ދެ މުއައްސަސާ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ބައްދަލުވުމުގައި "ބިންވެރިޔާ" ސްކީމާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަޙުޤީޤުކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
ފުލުހުން ތަޙުޤީޤުކުރަމުންދަނީ ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައާއި ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައެވެ. އަދި އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުވެސް ސަސްޕެންޑްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިކަމާއި ގުޅިގެން ބޭފުޅުންތައް ސަސްޕެންޑުކުރީ ތަޙުޤީޤަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
ފުލުހުން ތަޙުޤީޤުކުރަމުންދަނީ ޑޮކިއުމަންޓުތަކެއް ފޯޖުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މިއީ ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އިސްވެ ފެށި ތަޙުޤީޤެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ވީހާވެސް އަވަހަށް ތަޙުޤީޤުކޮށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފްވެސް ވަނީ ފުލުހުންނާއި އޭސީސީއަށް އަމުރުކުރައްވާފައެވެ. މިގޮތަށް އަމުރުކުރެއްވީ މިއީ އާންމުންގެ މަޞްލަޙަތު ހިމެނޭ މައްސަލައަކަށްވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.