ބިންވެރިޔާ ސްކީމުގެ ދަށުން މިހާރު ޖެހިގެން އުޅޭ މައްސަލަތަކާއި ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނާސިމް މިއަދު އެދިވަޑައިގެންފިއެވެ.
މީކާއިލް، ވަޒީރާއި ސުވާލުކުރަން އެދިވަޑައިގަތީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތި ހަވާލުކުރި ތަޙްޤީޤަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީ އެނދި ހާދިސާގައި ގެއްލުނުތޯ ސާފުކުރުމަށެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ސަރުކާރުން އިތުރު ފިޔަވަޅު އެޅުމަށެވެ.
ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމަކީ އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު އަހަރު ވޯޓު ހޯދުމުގެ ބޭނުމުގައި ފެށި ސްކީމެކެވެ. އެ ސްކީމުގެ ތެރެއިން މާލޭގައި ގެދޮރު ހުރި ބޮޑެތި މުއްސަނދިންނަށް ވެސް ގޯތިތައް ދީ ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވެއެވެ.
އެމްޑީޕިގެ ވެރިކަން ނިންމައިލީ ގޯތި ބެހުމުގައި ބޮޑެތި ފިތުނަތަކެއްގެ ދޮރުތަކެއް ހުޅުވާލާފައި ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕް މެމްބަރު ޝުޖާ ވިދާޅުވިއިރު، އެމްޑީޕީގެ ފަސް އަހަރު ދުއްވައިލީ ވައްކަން ކުރުމުގައި ކަމަށް އެޕާޓީގެ އެންމެ އިސް ސަފުގައި ކުރިން އުޅުއްވި އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ވިދާޅުވެއެވެ.
ހަމަ އެހެންމެ، އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވީ ވެސް މީކާއީލް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އުފެއްދި އަސާސްތަކަށް އެ ޕާޓީން ޢަމަލު ނުކުރާ ކަމަށް ބުނެ އެވެ. ގިނަ ބަޔަކު ތުހުމަތު ކުރަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެނގިހުރެ ގޯއްޗާއި ފްލެޓް ދިނުމުގައި އެޕާޓީގެ އޭރުގެ މަޖިލިސް މެމްބަރުން ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމެވެ، އޭގެތެރޭގައި މީކާއީލް ނަސީމަށް ވެސް ތުހުމަތު ކުރެއެވެ.
އެމްޑީޕީން މަކަރުހަދައި އޮޅުވާލި ލިސްޓު ތަޙުޤީޤު ކުރުމަށް ޕީޖީއިންވެސް. ގޮވާލާފައިވާއިރު، މިސަރުކާރުން ދަނީ މިފަހުން ޖެހުނު މައްސަލައިގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަޙްޤީޤު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް އާއި ގުޅިގެން ބޮޑެތި ވައްކަމާއި ޖަރީމާތައް ހިންގާފައިވާއިރު، އޭގެއިން އެއްވެސް ކަމަކާއި ގުޅޭ މީހަކަށް އެ ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ.