ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. ފަޒުލް އާއި އެޗްޑީސީގެ ބޯޑު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވިއެވެ. "ބިންވެރިޔާ ސްކީމުގެ ރަޖިސްޓަރީ އިޝޫކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން، އިޝޫ ކޮށްފައި އޮތީކީ ވެސް އަޅުގަނޑުމެންނެއް ނޫން. ކުރީ ސަރުކާރުގައި އިޝޫ ކޮށްފައި ހުރި ބިންވެރިޔާ ޕްލޮޓްތަކެއްގެ ރަޖިސްޓަރީ އެބަހުރި. އެގްރިމަންޓް ހަދަނީ އެޗްޑީސީގެ ފަރާތަކުން ނޫން. ބިން ހަވާލުކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން."
އޭނާ އިތުރަށް ވިދާޅުވީ އެޗްޑީސީގެ ދައުރަކީ ހަމައެކަނި ވަށާފާރު ރޭނުމުގެ ހުއްދަ ދޫކުރުން ކަމަށެވެ. އަދި މައްސަލަ ފާހަގަވި ބައެއް ގޯތިތަކަށް އެ ހުއްދަ ބާތިލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަޒުލް އަދި ވިދާޅުވީ މައްސަލަ ފާހަގަވެގެން ހައުސިން މިނިސްޓްރީއަށް އަންގާފައިވަނީ އެޗްޑީސީން ކަމަށާއި، ގޯތީގެ ހައްގުވެރިޔާ ނިންމާނީ މިނިސްޓްރީން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ. ފަޒުލް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެޗްޑީސީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެއްވެސް މީހަކަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މައްސަލަ ބަލަމުންދާ މި ދަނޑިވަޅުގައި އެޗްޑީސީގެ ޗެއާމަން ފިޔަވައި ފަޒުލް ހިމެނޭހެން 11 ޑިރެކްޓަރުން ހިމެނޭ މުޅި ބޯޑު އެއްކޮށް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެ މުވައްޒަފުންނަކީ؛
- މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ފަޟުލް ރަޝީދު
- ޑިރެކްޓަރ، އަޒްހާރު އަބްދުﷲ ސަޢީދު
- ޑިރެކްޓަރ، އިބްރާހިމް ޔޫސުފް ފުޅު
- ޑިރެކްޓަރ، މުޙައްމަދު ވިޝާމް
- ޑިރެކްޓަރ، އުލާ މުޙައްމަދު ރަޝީދު
- ޑިރެކްޓަރ، އާރިފް އަބްދުއްސަމަދު
- ޑިރެކްޓަރ، މުޙައްމަދު ނާޖިލް
- ޑިރެކްޓަރ، މުޙައްމަދު ވަހީދު
- ޑިރެކްޓަރ، ފާތިމަތު މިޒްނާ އަލީ
- ޑިރެކްޓަރ، ޔޫސުފް ވަހީދު