އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުގައި އާސެނަލާއި ލިވަޕޫލް މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ސައުތުހެމްޓަން 2-1 އިން ބަލިކުރިއެވެ. މި މެޗުގައި ސައުތުހެމްޓަން ނުކުތީ އައު ވަގުތީ ކޯޗު ސިމޮން ރަސްކާ އެކުގައެވެ. އެއީ ޓޮޓެންހަމް އާ ދެކޮޅަށް ކުޅުނު މެޗުގައި 5-0 އިން ބަލިވުމާއި ގުޅިގެން ކުރީގެ ކޯޗު ރަސެލް މާޓިން ވަކިކުރުމަށްފަހުއެވެ.
ހާވީ އެލިއޮޓް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ލިވަޕޫލަށް ފުރަތަމަ ގޯލު ޖެހީ 25 ވަނަ މިނެޓުގައި ޑާވިން ނުނިއޭޒެވެ. މިއީ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ މަސައްކްތުމް ޖެހި ގޯލެކެވެ. ދެވަނަ ގޯލު 33 ވަނަ މިނެޓުގައި ޖެހީ ކޯޑީ ގަކްޕީ ތަނަވަސްކޮށްދިން ފުރުސަތަކުން ހާވީ އެލިއޮޓެވެ. ސައުތުހެމްޓަންގެ ހަމައެކަނި ގޯލު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅު ކެމަރޮން އާޗާއެވެ.
އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް 3-2 އިން ބަލިކުރިއެވެ. މި މެޗުގެ ހީރޯއަކީ އާސެނަލްގެ ގެބްރިއަލް ޖީސަސްއެވެ. އޭނާ ދެވަނަ ހާފުގައި ހެޓްރިކް ހަދައި، އާސެނަލްގެ ތިން ގޯލު ޖަހައިދިނެވެ. ކްރިސްޓަލް ޕެލެސްގެ ގޯލުތައް ޖެހީ ޖީން-ފިލިޕް މަޓޭޓާ އާއި ކުރިން އާސެނަލަށް ކުޅުނު އެޑްވާޑް އެންކެޓިއާއެވެ.
މީގެ އިތުރުން ރޭ ކުޅުނު އަނެއް ކުއާޓާ ފައިނަލް މެޗުގައި ނިއުކާސަލްއިން ބްރެންޓްފޯޑު 3-1 އިން ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސެމީ ފައިނަލްގެ ހަތަރު ޓީމު ފުރިހަމަވާނީ މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރާ މެޗަށްފަހުއެވެ. މި މެޗުގެ ނަތީޖާއާއެކު ލީގު ކަޕްގެ ސެމީ ފައިނަލްގެ ހުރިހާ ޓީމުތައް ހާމަވެގެންދާނެއެވެ.