ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި އޭދަފުށިން 5-0 އިން ނައިފަރު ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި އޭދަފުށިން މެޗު ޑޮމިނޭޓްކޮށް، ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ހޯދިއެވެ.
މެޗުގެ ހަތަރުވަނަ މިނެޓުގައި އޭދަފުށީގެ ފުރަތަމަ ގޯލަކީ ނައިފަރުގެ އިބްރާހިމް ވިޝާމްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން 15 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އާއި 22 ވަނަ މިނެޓުގައި އަހުމަދު އައިހަމް (އައިހު) ގޯލު ޖެހިއެވެ.
ދެވަނަ ހާފުގައި އޭދަފުށިން އިތުރު ދެ ގޯލު ޖެހިއެވެ. 66 ވަނަ މިނެޓުގައި މުހައްމަދު ފާސިރު (ފާއްޓޭ) އާއި 70 ވަނަ މިނެޓުގައި ސައްޓު ގޯލު ޖަހައި މެޗު ނިންމާލިއެވެ.
އޭދަފުށީ ސަޕޯޓަރުން. ދައްކާލީ ފުޓުބޯޅައިގެ ޖޯޝާއި ފޯރި / ފޮޓޯ: ޚުލާސާ
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހުމަދު އައިހަމް (އައިހު) އެވެ. އޭދަފުށީގެ ސްކޮޑުގައި މާޒިޔާ ސްޕޯޓްސް އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަން ހަސަން (ބިޑި) ހިމެނޭކަން ފާހަގަ ކުރެވެއެވެ.